ޚަބަރު

ދެވަނަ ބުރުގައި ފެންނާނީ ތަފާތު ޓީސީއެއް: އާތިފް


  • އާތިފް ވަނީ ފުރަތަމަ ބުރުގެ ފަހު މެޗުގައި ޓީސީއަށް އިރުޝާދުދީފައި

  • ރަނގަޅު މަގާމެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށްވެސް އާތިފް ބުނި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ފެންނާނީ ތަފާތު ޓީމެއް ކަމަށް ޓީސީ ސްޕޯޓްސް ކުލަބާ އަލަށް ގުޅުނު ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.

ޓީސީގެ ކޯޗުގެ ޒިންމާ މީގެ ކުރިންވެސް އަދާކުރި އާތިފް ވަނީ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ 3-0 ގެ ނަތީޖާއަކުން އެ ޓީމު ބަލިވި މެޗުގައި ޓީމަށް އިރުޝާދުދީފައެވެ. އެ މެޗަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި އާތިފް ބުނީ ވާރޭވެހުމުގެ ސަބަބުން މެޗުގައި ދެ ޓީމަށްވެސް އުނދަގޫވި ކަމަށާއި، އެކަމަކު ނަތީޖާއަކީ މަސައްކަތްކޮށްގެން ހޯދަންޖެހޭ އެއްޗެއް ކަމަށެވެ. އަދި އޮޑި ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީސީގެ ބެންޗުގައި ހުރެވުމުން ރަނގަޅުކުރާނެ ކަންތައްތައް ފެނިގެންދިޔަ ކަމަށެވެ. އެގޮތުން ލީގުގެ ދެވަނަ ބުރުގައި ފެންނާނީ ތަފާތު ޓީސީއެއް ކަމަށާއި، އައު ޖޯޝެއްގައި ރަނގަޅު މަގާމެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށްވެސް އާތިފް ވަނީ ބުނެފައެވެ.

އާތިފް ބުނީ ޓްރާންސްފާ ބާޒާރުގައި ހުރިހާ ޓީމަކުންވެސް އެ މީހުންގެ ބަލިފައިތައް ވަރުގަދަކުރަން މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން ޓީސީންވެސް ރަނގަޅު ކުރުންތެރިން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ޓީސީ އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ކުޅުނު ނުވަ މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ކުލަބު ގްރީން ސްޓްރީޓްސްއަށްވެސް ފަސް ޕޮއިންޓް ލިބިފައިވާއިރު، ޓީސީއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަމާރޭ ޓީސީ ނުކުންނާނީ ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.