ފުރަތަމަ އެގާރައިން ޖާގައެއް ހައްޤުވާކަން ޓީމާ އަލަށް ގުޅޭ ކުޅުންތެރިން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗު އަންދްރޭސް ގާސިއާ ބުނެފިއެވެ.
އޮޑި ސްޕޯޓްސްއިން ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރު ނިންމާލީ ތާވަލުގެ ދެވަނައިގައި އޮވެގެންނެވެ. އެގޮތުން އެ ޓީމަށް ކުޅުނު ނުވަ މެޗުން ވަނީ 22 ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ފުރަތަމަ ބުރުގައި ކުޅުނު ނުވަ މެޗުންޗވެސް މޮޅުވެ 27 ޕޮއިންޓް ހަމަކޮށްފައެވެ.
ލީގުގެ ފުރަތަމަ ބުރުގައި އެންމެ ފަހުން ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން 3-0 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ވަނީ މޮޅުވެފައެވެ. އެ މެޗަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި އޮޑި ސްޕޯޓްސްގެ ކޯޗު ގާސިއާ ބުނީ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ވާރޭވެހުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެއާއެކު ދިގު ބޯޅަތަކެއް ޖަހައިގެން ކުޅެން ޖެހުނު ކަމަށާއި، އެކަމަކު މެޗުގެ ކުރީކޮޅު ލަނޑެއް ކާމިޔާބުކުރެވުމުން ފައިދާކުރި ކަމަށްވެސް ވަނީ ބުނެފައެވެ.
ގާސިއާ ބުނީ ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ދެވަނައިގައި އޮތުމުން ހިތްހަމަޖެހޭ ކަމަށާއި، އެއްވަނައިގައި އޮތް މާޒިޔާއާ ވާދަކުރަން ބަލާއިރު، ތާވަލުގައި އެ ޓީމު އޮތް ހިސާބު ރަނގަޅު ކަމަށެވެ.
ލީގުގެ ދެވަނަ ބުރަށް ތައްޔާރުވަމުން އަންނަ އޮޑި ސްޕޯޓްސްއިން ވަނީ އެ ޓީމުގެ ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން އައު ކުޅުންތެރިން ގެނެސްފައެވެ. އެގޮތުން ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އަދި މީގެ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައިވެސް ކުޅެފައިވާ އަޔާޒް އަޙްމަދުގެ ސޮއި އެ ކުލަބުން ވަނީ ހޯދާފައެވެ. އަދި މުޙައްމަދު ސާމިރުވެސް ވަނީ އޮޑި ސްޕޯޓްސްއާ ގުޅިފައެވެ.
ގާސިއާ ބުނީ އޮޑި ސްޕޯޓްސްގައި މިހާރުވެސް އޮތީ ވަރުގަދަ ސްކޮޑެއް ކަމަށާއި، އެހެންކަމުން ފުރަތަމަ އެގާރައިން ޖާގައެއް ހައްގުވާކަން ޓީމާ އަލަށް ގުޅޭ ކުޅުންތެރިން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ލީގު ކާމިޔާބުކުރަން ބޭނުންވާ ކަމަށާއި، އެހެންކަމުން ފެންވަރު ރަނގަޅު ކުޅުންތެރިން ބޭނުންވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން އޮޑި ސްޕޯޓްސް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި އެއް މެޗުން އެއްވަރުވިއިރު، އަނެއް ހަތް މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަމާރޭ އޮޑި ސްޕޯޓްސް ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.