އެއްބަސްވުމެއްގެ ދަށުން ޣައްޒާ ހަނގުރާމަ ހުއްޓައިލި ފަހުން އެ ސަހަރުގެ ހަސްފަތާލުތަކުގައި އެނދުމަތިކޮށްގެން އެތައް ހާސް ކުޑަކުދިންނަކަށް ކާޑުބައްޔަށް ފަރުވާދެމުންދާ ކަމަށް އދގެ ކުޑަކުދިންނާ ބެހޭ ފަންޑު، ޔުނިސެފުން ބުނެފިއެވެ.
ޣައްޒާގައި ކާޑުބަލިޖެހިފައިވާ ކުދިންނަށް ފަރުވާ ދިނުމުގައި އެންމެ އިސް ދައުރެއް ޢަދާކުރަނީ ޔުނިސެފުންނެވެ. އެ އިދާރާއިން ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ކާޑުބަލީގެ އެންމެ ގޯސް މަރުހަލާ ތަޙައްމަލު ކުރަމުންދާ 9،300 ކުޑަކުދިންނަށް ފަރުވާދީފައިވާ ކަމަށެވެ. އެއީ އެމެރިކާގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި ފަހުން ފަރުވާދޭން ފަށާފައިވާ ކުދިންނެވެ.
މި ޢަދަދަކީ މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ކާޑު ބައްޔަށް ފަރުވާ ދީފައިވާ ކުޑަކުދިންގެ ޢަދަދަށްވުރެ މަދު ޢަދަދެކެވެ. އޮގަސްޓު މަހުގެ ތެރޭގައި 14،000 ކުދިންނަށް ފަރުވާ ދީފައިވެއެވެ. ނަމަވެސް އޮކްޓޯބަރު މަހުގެ ޢަދަދަކީ މި އަހަރުގެ ކުރީކޮޅު ޣައްޒާގައި ވަގުތީ ގޮތުން ޙަމަލާ ބަދަލުކުރުން ހުއްޓައިލި ދުވަސްވަރާ އަޅާބަލައި އިރު ބޮޑުތަނުން އިތުރު ޢަދަދެކެވެ. ޔުނިސެފްގެ ތަރުޖަމާނު، ޓެސް އިންގްރާމް ވަނީ އޮކްޓޯބަރު މަހުގެ ޢަދަދަކީ ހައިރާންވާން ޖެހޭހާ މަތީ ޢަދަދެއް ކަމަށް ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އޮކްޓޯބަރު މަހުގެ ތެރޭގައި އެނދުމަތިކޮށްފައިވާ ކުދިންގެ ޢަދަދު މި އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލައި އިރު ފަސްގުނަ އިތުރު ކަމަށެވެ. އެއިން ދޭހަކޮށްދެނީ ޣައްޒާއަށް އެހީގެ ސާމާނު ވަންނަ މިންވަރު އަދިވެސް ނުފުދޭކަން ކަމަށް އޭނާ ވިދާޅުވިއެވެ.
އިންގްރަމް އިތުރަށް ވިދާޅުވީ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެ ޖަމާޢަތުން ޣައްޒާއަށް އެތެރެކުރަމުން ދިޔަ އެހީގެ މިންވަރަށްވުރެ މިހާރު އެތެރެކުރެވޭ އެހީގެ މިންވަރު އިތުރު ކަމަށެވެ. ނަމަވެސް އަދިވެސް ގޮންޖެހުންތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެހީ ވެއްދުމަށް ކަނޑައަޅާފައިވާ މަގުތަކުން ސާމާނު އެތެރެނުކުރެވުމާއި މަގުތައް ބަންދުކުރުމުގެ އިތުރުން ސަލާމަތީ ގޮންޖެހުންތައް އަދިވެސް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާއަށް އެހީ ވެއްދޭނެ ހުރިހާ މަގުތައް ހުޅުވައިލުމަށް ވެސް އޭނާ ގޮވާލައްވާފައިވެއެވެ.
މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އދއާ ގުޅުންހުރި ބަނޑުހައިހޫނުކަން ވަޒަންކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ވަނީ ޣައްޒާގެ އާބާދީގެ ހަތަރުބައި ކުޅަ އެއްބައި ނުވަތަ ބައި މިލިޔަނެއްހާ މީހުންގެ މެދުގައި ޢާންމުވެގެންވާ ބަނޑުހައިހޫނު ކަމުގެ ޙާލަތެއް ފެތުރިފައިވާ ކަމަށް ބުނެފައެވެ.