ތަޢުލީމު

ޤައުމީ ޔުނިވަރސިޓީގެ 16 މުވައްޒަފަކަށް މަތީ ތަޢުލީމުގެ ސްކޮލާޝިޕް


ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި މަސައްކަތްކުރައްވާ 16 މުވައްޒަފަކަށް ޕީއެޗްޑީއާއި މާސްޓަރސް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ދެއްވާ، ސްކޮލާޝިޕް ލިޔުން ހަވާލުކުރައްވައިފިއެވެ.

މިސްކޮލާޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ޙަވާލުކުރެއްވުމަށް މިއަދު ޤައުމީ ޔުނިވާސިޓީގައި ބޭއްވެވި، ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒު ޝަރީފް ވިދާޅުވީ މި ޕްރޮގްރާމަކީ ޤައުމީ ޔުނިވާސިޓީގެ ކިޔަވައިދިނުމުގެ މިންގަނޑާއި ފެންވަރު ހަރުދަނާ ކުރެއްވުމުގެ ގޮތުން އެ ޔުނިވަރސިޓީގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ދެއްވި ފުރުޞަތުތަކެއްކަމަށެވެ. އަދި މިއީ އެކަމުގެ ފެށުން ކަމަށާއި، ކުރިއަށް އޮތްތާގައި މިފަދަ އިތުރު ފުރުޞަތުތައް މުވައްޒަފުންނަށް ތަނަވަސްކޮށްދެއްވާނެކަމަށެވެ. އެގޮތުން މުވައްޒަފުންނަށް މަތީ ތަޢުލީމު ހާޞިލްކުރުމުގެ ދެވަނަ ޕްރޮގްރާމް އަންނަ އަހަރު ފުރަތަމަ ކޮޅުގައި ހުޅުވާލޭނެކަމަށްވެސް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި 8 ފަރާތަކަށް ޕީއެޗްޑީގެ ސްކޮލަޝިޕް ވަނީ ހަވާލުކޮށްފައި އަދި މާސްޓާސްއަށް ކިޔެވުމަށްވެސް 8 ފަރާތަކަށް ލިޔުން ޙަވާލުކޮށްފައިވެއެވެ.