ޚަބަރު

ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް


  • އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމްއަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ

  • ސްޓޭޓް ފާމަސޫޓިކަލް ކުންފުނި އުފެއްދީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އައްޔަނުކޮށްފައެވެ.

އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމްއަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯގެ މަޤާމުގައިވެސް ހުންނެވި ބޭފުޅާއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މީގެ ކުރިން ވަނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ބޯޑު މެމްބަރުންގެ ގޮތުގައި އާޢިޝަތު މުޙައްމަދު އަދި ޝިބާނާ އަބްދުﷲ ދީދީ އައްޔަން ކުރައްވާފައެވެ. އަދި މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަންކުރެއްވި ޑރ. ޝާހު މާހިރެވެ.

ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަޤުޞަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.