ޚަބަރު

އުންރުވާގެ އިމާރާތަކަށް ޔަހޫދީން ވަދެގަތުން އދގެ ސެކެޓްރީ ޖެނެރަލް ކުށްވެރިކުރައްވައިފި


ޤުދުސްގެ މުނިސިޕަލިޓީއަށް ނިސްބަތްވާ ބަޔަކު ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ ޖަމްޢިއްޔާ، އުންރުވާގެ އިރުމަތީ ޤުދުސްގައި ހުންނަ އޮފީހަކަށް ވަދެގަނެ އެ ތަނުގައި ޔަހޫދީ ދައުލަތުގެ ދިދަ ނެގުން އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް ކުށްވެރިކުރައްވައިފިއެވެ.

އުންރުވާގެ ކޮންމެ އިދާރާއަކީ އދގެ އިދާރާއެއްގެ ގޮތުގައި ބެލެވޭއިރު، ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އެ ފަދަ އިދާރާތަކަށް ރައްކާތެރިކަން ލިބެއެވެ. އުންރުވާގެ މަސައްކަތްތައް ހުއްޓާލައި އެ ޖަމްޢިއްޔާގެ މަސައްކަތްތައް ހިންގާ އެންމެހާ އިމާރާތްތައް ހުސްކުރުމަށް ޔަހޫދީން އެނގި ފަހުން ޔަހޫދީން މިހާރު ވަދެގަނެފައިވާ އިމާރާތް އުންރެވާއިން ބޭނުންކޮށްަފައެއް ނުވެއެވެ.

އެ އިމާރާތަށް ޔަހޫދީން ވަދެގަތުން ކުށްވެރިކުރައްވައި ހަރުކަށި އިބާރާތުން ނެރުއްވި ބަޔާނެއްގަައި ގުތޭޚެޝް ވިދާޅުވީ އުންރުވާގެ އިމާރާތާއި ބިމަކީ އދއަށް ނިސްބަތްވާ ތަނެއް ކަމަށާއި އެ ތަނަށް ރައްކާތެރިކަން ލިބޭ ކަމަށާއި އެއީ ވަދެގަނެވޭނެ ތަނެއް ނޫން ކަމަށެވެ. ޔަހޫދީންގެ ޢަމަލުތައް އަލުން ރަނގަޅުކޮށް، އެ އިމާރާތަށް ރައްކާތެރިކަންދީ އެ އިމާރާތާ ދެކޮޅަށް އިތުރު ފިޔަވަޅެއް ނޭޅުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

އުންރުވާގެ އިސްވެރިޔާ ލިޕީފް ލަސަރީނީ ވެސް ވިދާޅުވީ ޔަހޫދީންގެ ޢަމަލަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހުންނަ އދގެ އިމާރާތްތަކާއި ބިންތަކަށް ވެސް ނުރައްކާވާ ފަދަ ޢަމަލެއް ކަމަށެވެ.

އުންރުވާގެ ތަރުޖަމާނު ޖޮނަތަން ފައުލާ ވެސް ވިދާޅުވީ އުުންރުވާގެ ޙަރަކާތްތައް ޔަހޫދީން މަނާ ކުރި ނަމަވެސް އެ ޖަމްޢިއްޔާގެ އިދާރާއަކީ އަދިވެސް އދގެ އިމާރާތެއް ކަމަށެވެ. އެ އިމާރާތަށް ޔަހޫދީ ފުލުހުންގެ އުޅަނދުތައް ގެނެސް މުވާސަލާތީ ގުޅުން ކަނޑާލާފައިވާ ކަމަށާއި އެ އިމާރާތުގައި ހުރި ކޮމްޕިޔުޓަރު ސާމާނާއި ފަރުނީޗަރާއި އެހެން ތަކެތި ޔަހޫދީން ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޔަހޫދީން ވެސް ސޮއިކޮށްފައިވާ އދގެ މުއާހަދާއެއްގެ ދަށުން ޔަހޫދީން ޢަމަލުކުރަންޖެހޭ ގޮތްތައް ހަނދާން ކޮށްދިނުމަށް އދން ޔަހޫދީންނަށް އެކި ފަހަރު މަތިން ވާހަކަދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.