އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުން ކުރުމަށް އދން ހޯދުމަށް އެދޭ އެހީގެ ޢަދަދު 2026ވަނަ އަހަރަށް މަދުކޮށްފިއެވެ.
2025ވަނަ އަހަރު އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަލައި އެހީގެ ގޮތުގައި 47 ބިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް އދން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އދއަށް އެންމެ ގިނަ ފައިސާ ދެމުންދިޔަ ޤައުމު ކަމަށްވާ އެމެރިކާއާއި، ބޮޑު ޢަދަދެއް ޚަރަދު ކުރަމުން ދިޔަ ޖަރުމަނުވިލާތް ހިމެނޭ ގޮތަށް އެހީދެމުންދިޔަ ވިލާތުގެ ޤައުމުތަކުން އދއަށް ދެމުންދިޔަ ފައިސާ ޢަދަދު މަދުކުރުމުން، އަންނަ އަހަރަށް ހޯދުމަށް އެދޭ ޢަދަދު ކުޑަކުރުމަށް އދއަށް ވަނީ މަޖުބޫރުވެފައެވެ. އުންމީދު ކުރި 47 ބިލިޔަންގެ ތެރެއިން މި އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އދއަށް ލިބިފައި ވަނީ އެންމެ 12 ބިލިއަން ޑޮލަރެވެ. އެއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް އދއަށް ލިބިފައިވާ އެންމެ މަދު ޢަދަދެވެ. އދން ހޯދާ އެހީގެ ޢަދަދު މަދުކުރުމަށް މަޖުބޫރުވެފައި މި ވަނީ ދުނިޔޭގެ ޙާލަތު ވަރަށް ގޯސްވެފައިވާ ޙާލަތެއްގައި ކަމަށް އދން ބުނެއެވެ.
މި އަހަރު އެހީ ލިބިފައިވާ މިންވަރު މަދުވުމުން އދން އަންނަ އަހަރަަށް ހުށަަހަޅާފައި ވަނީ 23 ބިލިޔަން ޑޮލަރު ހޯދުމަށެވެ. އދން އެ ފައިސާ ޚަރަދުކުރާނީ ފުރާނައަށް ނުރައްކާވެފައިވާ 87 މިލިޔަން މީހުންނަށް ކޮންމެހެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އދން ބުނީ އެހީގެ ޢަދަދު މަދުކުރުމުން ކޮންމެހެން އެހީތެރިކަން ބޭނުންވާ އެތައް މިލިޔަން މީހުން އެހީއިން މަހުރޫމުވާނެ ކަމަށެވެ. އަންނަ އަހަރު 33 ބިލިޔަން ޑޮލަރު އެހީގެ ލިބިއްޖެ ނަމަ 135 މިލިޔަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އދން ބުނެއެވެ.
އދން ވަކިވަކި އެހީގެ ގޮތުގައި އެންމެ ބޮޑު ޢަދަދަކަށް އެދިފައި ވަނީ ފަލަސްޠީނަށް އެހީވުމަށް 4 ބިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށެވެ. އެއިން ބޮޑު ބައެއް ޚަރަދުކު
ރާނީ ހަނގުރާމައިގެ ސުންނާފަތިވެފަިއވާ ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ޣައްޒާގެ 2.3 މިލިޔަން ރައްޔިތުންގެ ތެރެއިން ގިނަ މީހުންގެ ގެދޮރު ގެއްލި، އެ މީހުންނަށް ވަނީ އިންސާނީ އެހީގެ މައްޗަށް ބަރޯސާވުމަށް މަޖުބޫރުވެފައެވެ. އދން ދެވަނައަށް އެންމެ ގިނަ ޢަދަދެއް ހޯދަން އެދިފައި ވަނީ ސޫދާންއަށް އެހީވުމަށެވެ. އަދި އެއަށްފަހު ސޫރިޔާއަށް އެހީވުމަށެވެ.
ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި މަސައްކަތްކުރާ އދގ ދަށުން ހިންގާ ޖަމްއިއްޔާތަކުގެ މުވައްޒަފުން ވެސް ގިނަ ގޮންޖެހުންތަކަކާ ދަނީ ކުރިމަތިލަމުންނެވެ. އދގެ އިންސާނީ އެހީތެރިކަމާބެހޭ އިސްވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ އދގެ މުވައްޒަފުންނަށް ޙަމަލާތައް އަމާޒުވަމުންދާ ކަމަށާއި މަސައްކަތް ގިނަވެ މުވައްޒަފުން ވަރުބަލިވެފައިވާ ކަމަށެވެ. އަދި އެ އިދާރާއަށް ބޭނުންވާ ވަރަށް ފައިސާ ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.