ޚަބަރު

މޯލްޑިވިއަނުން މަޑިވަރަށް ކުރާ ދަތުރުތައް އިތުރުކުރަނީ


  • ހަފުތާއަކު 3 ދަތުރުކުރުމަށްވަނީ ނިންމާފައި

  • ބަދަލު ގެންނަނީ މިމަހުގެ 22އިން ފެށިގެން

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ޅ. މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ. ދަތުރުތައް އިތުރު ކުރުމަށް ނިންމާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.

މޯލްޑިވިއަނުން މިހާރު މަޑިވަރަށް ހަފްތާއަކު 2 ދަތުރުކުރެއެވެ. އަދި މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މަޑިވަރު އެއަރޕޯޓަށް ހަފްތާއަކު 3 ދަތުރު ކުރުމަށް އެއަރލައިނުން ވަނީ ނިންމާފައެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ. މަޑިވަރަށް މޯލްޑިވިއަނުން ކުރާ ދަތުރެއްގެ އެއްކޮޅު ޓިކެޓުގެ އަގަކީ 799 ރުފިޔާއެވެ.

މޯލްޑިވިއަނުން އަބަދުވެސް ޑިމާންޑަށް ބެލުމަށްފަހު މަންޒިލްތަކަށް އިތުރު ފްލައިޓްތައް ބާއްވައެވެ. އެގޮތުން ޢީދާއި އަދި ޗުއްޓީ ބަންދާއި ދިމާކޮށްވެސް މޯލްޑިވިއަނުން ވަނީ ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް މަންޒިލްތަކަށް އިތުރު ފްލައިޓްތައް ބާއްވާފައެވެ.

2022 ވަނަ އަަހަރު ހުޅުވާފައިވާ މަޑިވަރު އެއަރޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއި، އެއަރ ކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެއް ތަރައްޤީކޮށްފައިވެއެވެ.