ބައިނަލްއަގުވާމީ ޑިޖިޓަލް މީޑިއާ އަދި ނިއުސް-އެކްސްޗޭންޖް ޕްލެޓްފޯމެއް ކަމަށްވާ، ވިއޮރީއާއެކު ޕީއެސްއެމްއިން ކޮންޓެންޓް ހިއްސާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އަބޫދާބީގައި މިހާރު ކުރިއަށްދާ ބްރިޖް މީޑިއާ ސަމިޓުގެ ހަވާސާގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޗެއަރޕަރސަން އައިމިނަތު ނަމްޒާއެވެ. އަދި ވިއޮރީގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރ ޒުލޭހޯ ސިއްދީކޮވާއެވެ.
ޕީއެސްއެމްގެ ދަށުން ހިންގަމުންއަންނަ ނޭޝަނަލް ނިއުސް އެޖެންސީ، އެންއެންއޭއާއެކު އެއް އަހަރުގެ މުއްދަތަކަށް ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން ޚަބަރާއި މައުލޫމާތު ހިއްސާކުރުމާއެކު ކެޕޭސިޓީ ބިލްޑް ކުރުމާއި ރާއްޖޭގެ ޚަބަރާއި ބައުލޫމާތު ބައިނަލްއަގުވާމީ މުޖުތަމަޢުއާ ހިއްސާކުރުމުގައި ދެ ނިއުސް އެޖެންސީން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި އެއްބަސްވުމުގައި އެއް އަހަރުގެ މުއްދަތަކަށް ސޮއި ކުރިނަމަވެސް އެއްވެސް ފަރާތަކުން އެއްބަސްވުން ނިމުމަކަށް ގެންނަން ނުނިންމާހިނދަކު އެއްބަސްވުން ކޮންމެ އަހަރަކު އައުވާނެއެވެ.
މި ފަހުމުނާމާއާ ގުޅޭގޮތުން ޕީއެސްއެމްގެ ޗެއަރޕަރސަން އައިމިނަތު ނަމްޒާ ވިދާޅުވީ މީގެ ސަބަބުން ދިވެހީންގެ ވާހަކަތަކާއި ޚަބަރު އަދި މައުލޫމާތު ބައިނަލްއަގުވާމީ މުޖުތަމަޢުއާ ހިއްސާ ކުރެވޭގޮތް އިތުރަށް ފުރިހަމަ ކުރެވި، ގިނަ ޤައުމުތަކަށް އެ ވާހަކަތައް ހިއްސާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ކޮލިޓީ ރަނގަޅު ބައިނަލްއަގުވާމީ ކޮންޓެންޓު ނޭޝަނަލް ނިއުސްއެޖެންސީއަށް އިތުރު ޚަރަދެއް ކުރުމެއް ނެތި ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ކޮންޓެންޓު ނޭޝަނަލް ނިއުސް އަރކައިވްގައި ބެހެއްޓޭނެކަން ފާހަގަކުރައްވައި ނަމްޒާ ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގެ އެހެން މީޑިއާތަކަށްވެސް އެ ކޮންޓެންޓް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށާއި މިއީ ދިވެހި މީޑިއާތަކަށްވެސް ފަހިވެގެންދާ ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.
ނޭޝަނަލް ނިއުސް އެޖެންސީއަކީ ދިވެހި މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓް ލިބޭނެގޮތަށް ތައާރަފުކުރި ޕްލެޓްފޯމެކެވެ. އެންއެންއޭއާ ރާއްޖޭގެ 20 މީޑިއާއަކުން މިހާތަނަށް ވަނީ ގުޅިފައެވެ. އެހެންކަމުން ވިއޮރީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ލިބިގެންދާ ބައިނަލްއަގުވާމީ ކޮންޓެންޓް އެންއެންއޭއާ ގުޅޭ މީޑިއާތަކަށްވެސް އިތުރު އަގަކާނުލައި ލިބިގެންދާނެއެވެ.