ޚަބަރު

ބައްޝާރް އަލް-އަސަދުގެ ވެރިކަން ނިމުނުތާ އަހަރެއް ފަހުން ވެސް، ގެއްލުވާލާފައިވާ މީހުންގެ ޢާއިލާތައް އަދިވެސް އިންތިޒާރުގައި


ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައިތާ އަހަރު ދުވަސް ފަހުން ވެސް، ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ އެތައް ހާސް މީހުންގެ ޢާއިލާތައް އަދިވެސް ތިބީ މަޢުލޫމާތެއް ލިބޭނެކަމުގެ އިންތިޒާރުގައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުއްލި ގޮތަކަށް އަލްއަސަދުގެ ވެރިކަން ނިމުމަކަށް އައުމުން، 13 އަހަރު ދުވަހަށް ދެމިގެންދިޔަ އެ ޤައުމުގެ ދާޚިލީ ހަނގުރާމަ ވަނީ ނިމުމަކަށް އައިސްފައެވެ. އަސަދުގެ ވެރިކަމުގައި ރައްޔިތުން ތަޙައްމަލްކުރަން ޖެހުނު އަނިޔާވެރި ކަމަށް އިންސާފު ހޯދުމަށް ސޫރިޔާގެ ގިނަ ރައްޔިތުން ބޭނުންވެއެވެ. އަސަދުގެ ވެރިކަން ނިމުމަކަށް އައުމުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ނުވަތަ ރަހީނު ކޮށްފައިވާ ބައެއް މީހުން ފެނި، އެ މީހުން ވަނީ އެ މީހުންގެ ޢާއިލާތަކާ އަލުން ބައްދަލުވެފައެވެ. ނަމަވެސް ގިނަ ޢަދަދެއްގެ މީހުންނަށް ވީނުވީއެއް އަދިވެސް ނޭނގެއެވެ.

ސޫރިޔާގެ ވެރިކަމާ ޙަވާލުވެފައިވާ ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރުން އުފައްދާފައިވާ ޙާއްޞަ ކޮމިޝަނަކުން މިދިޔަ މެއި މަހު ބުނެފައިވާ ގޮތުގައި، އަސަދުގެ ޖަލުތަކުގައި 150،000 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ލަފާކުރެވެއެވެ.

އެ މަޢުލޫމާތުތައް އެއްކޮށްފައިވަނީ، އަސަދުގެ ޖަލުތަކުން ހޯދި ލިޔެކިޔުންތަކުގެ އަލީގައެވެ.

ނަމަވެސް، ފާއިތުވި އަހަރުތަކުގެ ތެރޭގައި މަރާލާފައިވާ މީހުން ވަޅުލާފައިވާކަމަށް ބެލެވޭ ތަންތަން ހޯދުމުގެ މަސައްކަތް ވެސް އެކަށީގެންވާ ގޮތެއްގައި ނުކުރެވޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

އަސަދު ވެރިކަން ވެއްޓުމާ ގުޅިގެން، ސޫރިޔާ ދޫކޮށް އެކި ޤައުމުތަކަށް ހިޖުރަކޮށްފައިވާ ސޫރިޔާގެ ރައްޔިތުން ވަނީ އެނބުރި އަންނަން ފަށައިފައެވެ. މިގޮތުން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، ތިން މިލިއަނަށް ވުރެ ގިނަ މީހުން އެނބުރި އައިސްފައިވާކަމަށް ކަމާގުޅޭ އިދާރާތަކުން ލަފާކުރެއެވެ.

ނަމަވެސް، ދާޚިލީ ހަނގުރާމައިގެ ތެރޭގައި ސުންނާފަތިވެފައިވާ އުމްރާނީ ވަޞީލަތްތައް އަލުން ބިނާކުރުމަށް ބޭނުންވާ ބޭރުގެ އެހީ ލިބުން މަދުވަމުން އައުމާ ގުޅިގެން، އިތުރު ރައްޔިތުން އެނބުރި އަންނަން ފަސްޖެހުމުގެ ފުރުޞަތު ބޮޑުކަމަށް އަންދާޒާކޮށްފައިވެއެވެ.