ޚަބަރު

މަހަލްދީބުން އެއްކުރި 3.8 ޓަނުގެ މުދާ މޯލްޑިވިއަނުން ލަންކާއަށް ފޮނުވައިދީފި


  • މީގެތެރޭގައި އަސާސީ ތަކެތި ހިމެނޭ

އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި ކާރިސާއިން އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަހަލްދީބް ފައުންޑޭޝަނުން އެއްކުރި ތަކެތި މޯލްޑިވިއަންގެ ފްލައިޓްގައި ސްރީލަންކާއަށް ފޮނުވައިފިއެވެ.

މޯލްޑިވިއަންއިން ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ސްރީލަންކާގެ ރައްޔިތުންނަށް ފޮނުވުމަށް އެއްކޮށްފައިވާ 3.8 ޓަނުގެ މުދާ އެ އެއަރލައިނުން އެ ޤައުމަށް ގެންގޮސްދީފައިވާކަމަށެވެ. މީގެތެރޭގައި އަސާސީ ތަކެތި ހިމެނެއެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުމުން އަރައިގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ އިސްނެގި ޤައުމަކީ ރާއްޖެއެވެ. "ސިލޯނާއެކު ދިވެހީން" ގެ ނަމުގައި ޕަބްލިކް ސަރވިސް މީޑިއާއިން އިސްނަގައިގެން ވަނީ ޚާއްސަ ޓެލެތޯނެއްވެސް ކުރިއަށްގެންގޮސްފައެވެ.

މި ޓެލެތޯނަށް ސަރުކާރުގެ ގިނަ ވުޒާރާތަކާއި، އިދާރާތަކާއި، ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޓެލެތޯން މެދުވެރިކޮށް ޖުމުލަ 834,843.98 ޑޮލަރު ލިބިފައިވެއެވެ. މި ފައިސާ މިހާރު ވަނީ ސްރީލަންކާގެ ސަރުކާރަށް ހަވާލުކޮށްފައެވެ.

ރާއްޖެއިން އިސްނަގައިގެން ސްރީލަންކާއަށް އެހީތެރިވުމަށް ކުރިއަށްގެންދިޔަ ހަރަކާތައް ސްރީލަންކާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޝުކުރު އަދާކޮށްފައެވެ. ސޯޝަލް މީޑިއާގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން ވަނީ ޝުކުރު އަދާކުރުމަށް އެއްވުމެއްވެސް ބާއްވާފައެވެ.