ޚަބަރު

ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިޔަނުން މަތީގައި


  • 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވޭ

  • އެންމެ ގިނައީ ޗައިނާ ފަތުރުވެރިން

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 1.5 މިލިޔަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައިކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ %10.1 އިތުރުވެފައެވެ.

މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2،059،962 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %10.1 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،871،368 ފަތުރުވެރިންނެވެ.

މިމަހުގެ ފުރަތަމަ 6 ދުވަހު ރާއްޖެ އައިސްފައިވަނީ 37،901 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %12.4 އިތުރު އަދަދެކެވެ.

ވަކިވަކި މަސްމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު:

• ޖަނަވަރީ: 214،863 ފަތުރުވެރިން
• ފެބްރުއަރީ: 214،091 ފަތުރުވެރިން
• މާރޗް: 203،468 ފަތުރުވެރިން
• އޭޕްރީލް: 198،322 ފަތުރުވެރިން
• މެއި: 135،614 ފަތުރުވެރިން
• ޖޫން: 141،772 ފަތުރުވެރިން
• ޖުލައި: 186،738 ފަތުރުވެރިން
• އޮގަސްޓް: 192،058 ފަތުރުވެރިން
• ސެޕްޓެމްބަރ: 149،563 ފަތުރުވެރިން
• އޮކްޓޯބަރ: 190،445 ފަތުރުވެރިން
• ނޮވެމްބަރ: 195،127 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމުންވެސް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމު:

• ޗައިނާ: 316،147 ފަތުރުވެރިން
• ރަޝިއާ: 258،253 ފަތުރުވެރިން
• އިނގިރޭސިވިލާތް: 184،785 ފަތުރުވެރިން
• ޖަރުމަނުވިލާތް: 155،309 ފަތުރުވެރިން
• އިޓަލީވިލާތް: 134،455 ފަތުރުވެރިން

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 1.5 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންނެވެ. މިއީ ރާއްޖެއައި ފަތުރުވެރިންގެ %73.6 އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިންނެވެ. އަދި ހޮޓެލްތަކުގައި 53،000 އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީހޭދަކޮށްފައިވެއެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތްދިނުމަށްޓަކައި މުޅި ޖުމްލަ 1313 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 66805 އަކަށް އަރައެވެ.