ސިއްހަތު

ދަތުރު ކުރުމުގައި މާބަނޑު މީހުން ޒިކާއަށް ސަމާލުވުމަށް އަންގައިފި


ޒިކާ ވައިރަސް ފެނިފައިވާ ޤައުމުތަކަށް ކޮންމެހެން ދަތުރުކުރަންޖެހޭ ޙާލަތްތަކުގައި މެނުވީ، މާބަނޑު މީހުން ދަތުރު ނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސް ކުރައްވައިފިއެވެ.

ޒިކާ ވައިރަހުން ރައްކާތެރިވުމާބެހޭ ގޮތުން އެ އެޖެންސީން ނެރުއްވި ބަޔާނެއްގައި ވަނީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި، ޒިކާ ވައިރަސް ފެތުރެން ފެށުމާއެކު، ރާއްޖޭގައި ޒިކާ ވައިރަސްގެ އަސަރުވޭތޯ ބެލުމަށް މިހާތަނަށް ކުރެވުނު ތަޙްލީލްތަކުން، ރައްޖެއިން މިވައިރަސް ފެނިފައިނުވާކަމަށެވެ.

އެހެންނަމަވެސް، ރާއްޖޭގެ ގިނަ ބަޔަކު ޒިޔާރަތްކުރާ ސިންގަޕޫރުން މިހަފްތާގެ ތެރޭގައި ޒިކާ ވައިރަސް ފެނިފައިވާތީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ގުޅިވަޑައިގެން މިހާރު ރައްކާތެރިކަމުގެ ފިޔަވަޅު އިތުރަށް ހަރުދާނާކުރައްވަމުން ގެންދަވާ ކަމަށެވެ.

ޒިކާ ވައިރަހަށް ޓެސްޓުކުރުމުގެ އިންތިޒާމް މިހާރު ވަނީ އައި.ޖީ.އެމް.އެޗްގައި ހަމަޖައްސަވާފައެވެ.

ޒިކާގެ ޢަލާމާތްތަކަކީ، ޑެންގީގައިވެސް ފެންނަ ޢަލާމާތްތައް ފަދައިން ހުންއައުމާއި، ގައިގައި ރިއްސުމާއި، ހަމުގައި ރަތްކުލައިގެ ބިހިތައް ނެގުމާއި، ލޯ ރަތްވުމާއި، ހުޅު ހުޅުގައި އަދި ބޮލުގައި ރިއްސުންފަދަ އަލާމާތްތަކެކެވެ. ޒިކާވެސް ފަތުރަނީ ޑެންގީ ބަލިވެސް ފަތުރާ އީޑީސް މަދިރިންނެވެ. އެހެންކަމުން މަދިރި ކޮންޓްރޯލްކުރުމަށް ފަރުދީ ފެންވަރެއްގައި މަސައްކަތްކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިލްތިމާސްކުރައްވާފައެވެ.