ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން އަންނަ އަހަރު ބާއްވާ ޔޫރޯވިޜަން ލަވަ މުބާރާތުން ވަކިވުމަށް ސްޕެއިން، ނެދަލެންޑްސް، އަޔަލެންޑް އަދި ސްލޮވީނިޔާއިން ނިންމުމާ ގުޅިގެން، އެ މުބާރާތުގެ ބަޖެޓަށް ބޮޑު އަސަރެއް ކޮށްފިއެވެ.
އަންނަ އަހަރު ބާއްވާ މުބާރާތުން ވަކިވާނެ ކަން އިޢުލާނު ކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ސްޕެއިނަކީ މާލީ ގޮތުން އެ މުބާރާތަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ފަސް ޤައުމުގެ ތެރެއިން އެއް ޤައުމެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ސްޕެއިން ހިމެނޭހެން، ވިލާތުގެ މުއްސަނދި ޤައުމުތަކުން މުބާރާތް ބޮއިކޮޓް ކުރުމުން، ސްޕޮންސަރޝިޕްގެ ގޮތުގައި ލިބޭ އާމްދަނީއާއި ބެލުންތެރިންގެ އަދަދު ދަށްވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމުގައެވެ.
މުބާރާތް އިންތިޒާމުކުރާ ޔޫރަޕިއަން ބްރޯޑްކާސްޓިންގ ޔޫނިއަނުން ވަނީ ލަވަ މުބާރާތުގައި ޔަހޫދީން ބައިވެރިކުރުމާ މެދު ވޯޓަކަށް ދިއުމަށް އުފުލި އަޑުތަކަށް ދެކޮޅު ހަދައި، ސަރުކާރުތަކުގެ ނުފޫޒު ކުޑަކުރުމަށް އައު ޤަވާޢިދެއް އެކުލަވައިލާފައެވެ. އަންނަ މެއި މަހު އޮސްޓްރިޔާގައި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ޤައުމުގެ ބްރޯޑްކާސްޓަރު އޯއާރްއެފުން ބުނާ ގޮތުގައި ހަތަރު ޤައުމަކުން ޔޫރޯވިޜަން ލަވަ މުބާރާތް ބޮއިކޮޓު ކުރުމަކީ މާލީ ގޮތުން ބުރައަކަށް ވީނަމަވެސް، މުބާރާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމުގައި ހުރަހަކަށް ނުވާނެ ކަމުގައެވެ.
މުބާރާތަށް ފައިސާ ހޯދަނީ ޤައުމުތަކުގެ އިޤުތިޞާދީ ފުދުންތެރިކަމަށް ބަލައި ބްރޯޑްކާސްޓަރުން ދައްކާ ފީންނާއި، މުބާރާތް ބާއްވާ ޤައުމުން ދޭ އެހީގެ އިތުރުން ސްޕޮންސަރޝިޕުން ކަމުގައި ވާއިރު، މުބާރާތުން ވަކިވި ޤައުމުތަކަކީ ބޮޑު އޯޑިއަންސެއް ނުވަތަ ބެލުންތެރިންގެ އަދަދު ގިނަ ޤައުމުތަކެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރުގެ މުބާރާތް ސްޕެއިނުން 5.8 މިލިއަން މީހުން އަދި ނެދަލެންޑްސުން 3.4 މިލިއަން މީހުން ބަލާފައިވުމުން، މިއީ މާކެޓް ހިއްސާއަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.
ލަވަ މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ ކޮންޓެސްޓް ޑިރެކްޓަރު މާޓިން ގްރީން ވިދާޅުވާ ގޮތުގައި ބަލްގޭރިއާ، ރުމޭނިއާ އަދި މޮލްޑޯވާ އަންނަ އަހަރުގެ މުބާރާތަށް އެނބުރި އައުމުން މާލީ ދަތިތައް ހައްލުވާނެ ކަމަށް ބެލެވުނު ނަމަވެސް، ޙަޤީޤީ މަންޒަރު ތަފާތުވާނެއެވެ. މުބާރާތް ދޫކޮށްލި ހަތަރު ޤައުމުގެ އާބާދީއާއި އިޤުތިޞާދީ ބާރުވެރިކަން، އަލުން ގުޅޭ ޤައުމުތަކަށް ވުރެ އެތައް ގުނައެއް ބޮޑުވުމުން، މުބާރާތުގެ މާލީ ކަންކަން ހަމަޖެއްސުމާ މެދު ސުވާލު އުފެދިފައިވާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.