ޚަބަރު

އިންޑޮނޭޝިޔާގެ ރައްޔިތުން އެހީ ހޯދުމަށް ގަސްތަކުގެ ތެރެއިން އުނދަގޫ ދަތުރެއް


އިންޑޮނޭޝިޔާގެ ސުމަތުރާގެ އައްސޭރިފަށުގައި އޮންނަ އަޗެހް ޓަމިއަންގްއަކީ އެ ޤައުމަށް މި ފަހުން އެރި ތޫފާނުގައި ބޮޑެތި ގެއްލުންތައް ލިބުނު އެއް ސަރަޙަައްދެވެ. ތޫފާނުގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމުގެ ހާދިޘާތަކާއި ޗަކަ ފޭބުމުގެ ހާދިޘާތަކުގައި 916 މީހުން އެ ޤައުމުގައި މަރުވެފައިވާއިރު އޭގެ ތެރޭގައި އަޗެހް ޓަމިއަންގުން މަރުވި ގިނަ ޢަދަދެއްގެ މީހުން ވެސް ހިމެނެއެވެ. 274 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

އަޗެހް ޓަމިއަންގްގެ ރައްޔިތުން ބުނީ ތޫފާނުގައި އެ ސަރަޙައްދު އެއްކޮށް ސުންނާފަތިވެފައިވާއިރު އެ ސަރަޙައްދު އޮތީ އެހެން ސަރަޙައްދުތަކަށް ދިޔުމަށް ދަތިވާ ގޮތަށް ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށެވެ. އެހީދޭ މަރުކަޒުތަކަށް ދިޔުމަށް އަޗެހް ޓަމިއަންގްގެ ރައްޔިތުން ޖެހެނީ ވެއްޓިފައިވާ ގަސްތަކާއި ފެން ބޮޑުވުމުގެ ހާދިޘާގައި އޮޔާ ބެހިގެން ގޮސްފައިވާ ކާރުތަކުގެ ތެރެއިން ގަޑިއިރެއްހާއިރު ވަންދެން ހިނގާށެވެ. އުނދަގޫ ދަ
ތުރަކަށްފަހު އެހީދޭ މަރުކަޒުތަކަށް ފޯރުމުން އެ މީހުންނަށް އަންނައުނާއި ބޯ ފެން ފޯރުކޮށްދެއެވެ.

އަޗެހް ޓަމިއަންގްގެ ބޯޑިންގ ސްކޫލެއްގައި ތިބި ދަރިވަރުންނަށް ވެސް ވަނީ އެ މަދަރުސާގައި މަޑުކުރުމަށް މަޖުބޫރުވެފައެވެ. ތޫފާނަށް ފަހު އެ ކުދިން އެ މަދަރުސާގައި ތިބޭތާ ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. ކާބޯތަކެތި ހޯދުމަށް އެކި ފަހަރު ދަނީ އެކި ކުދިންނެވެ. އެ ކުދިން ބުނީ މަގުތަކުގައި ހެދިފައިވާ ފެންގަނޑުން ފެން ނަގައި، އެ ފެން ކައްކައިގެން ބުއިމަށް މަޖުބޫރުވެފައިވާ ކަމަށެވެ. ސަރުކާރުން އެ ސަރަޙައްދު ބަލާލަން އައިސް ޙާލަތު ވަޒަންކޮށްލުމަށް އެ ކުދިން އެދެއެވެ.

ސުމަތުރާގެ ސަރަޙައްދީ ސަރުކާރުން ވެސް ވަނީ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށް، ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފައިސާ ހަމަޖެއްސުމަށް މައި ސަރުކާރަށް ގޮވާލައިފައެވެ.

ތިމާވެއްޓާ ބެހޭ ޖަމްޢިއްޔާތަކުން ޤަބޫލުކުރާ ގޮތުގައި ތޫފާނުގެ ސަބަބުން އިންޑޮނޭޝިޔާގެ ޙާލަތު އެހާ ބޮޑަށް ގޯސްވީ މައިން ކުރުމުގެ ސަބަބުންނާއި ގަސްކަނޑައި ޖަންގަލިތައް ހުސްކުރުމުގެ ސަބަބުންނެވެ. ފެންބޮޑުވި ބައެއް ސަރަޙައްދުތަކުން ގަސް ކަނޑާފައިވާ ކަމަށް ޝައްކުކުރެވޭ ބައެއް ކުންފުނިތައް އިންޑޮނޭޝިޔާގެ ސަރުކާރުން ދަނީ ތަހުޤީޤުކުރަމުންނެވެ.