ހުސްނުވާ އާސަންދައިގެ ޚަރަދުގައި މެޑިކަލް ޗެކްއަޕްގެ ޚިދުމަތްދޭ ހޮސްޕިޓަލްތައް މިކަމަށް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އާސަންދައިގެ ޚަރަދުގައި ދިވެހި ރައްޔިތުންނަށް މެޑިކަލް ޗެކްއަޕް ހަދައިދިނުމުގެ ޚިދުމަތް އަންނަ ހަފްތާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އާސަންދައިގެ ޚަރަދުގައި މެޑިކަލް ޗެކަޕް ހަދައިދޭ ހޮސްޕިޓަލްތައް މިކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ފެށި މި މަސައްކަތު ބައްދަލުމުގައި އާސަންދައިގެ ޚަރަދުގައި މެޑިކަލް ޗެކަޕްގެ ޚިދުމަތް ދެއްވާ ހޮސްޕިޓަލްތައް ކަމަށްވާ އައިޖީއެމް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ރީޖިނަލް ހޮސްޕިޓަލްގެ އިސްބޭފުޅުން ބައިވެވަޑައިގަންނަވައެވެ.
މި މަސައްކަތު ބައްދަލުވުމުގައި އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ ގޮތްތަކާއި ޚިދުމަތް ދެވޭނެ ގޮތްތަކުގެ މަޢުލޫމާތު އާސަންދަ ކޮންޕެނީން ހޮސްޕިޓަލްތަކާ ޙިއްޞާކުރާނެއެވެ. އަދި އާސަންދައާއި ހުސްނުވާ އާސަންދަގެ ތަފާތާއި ހުސްނުވާ އާސަންދައިގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އަދި އާސަންދަ އޮފީހާބެހޭ މަޢުލޫމާތު ޙިއްޞާކުރާނެކަމަށް އާސަންދަ އޮފީހުން ހާމަކުރެއެވެ.
"އަދިވެސް ހަމަ ވަރަށް ގިނަ މީހުންނަށް ނޭނގޭ މި ސްކީމްގެ ތެރޭގައި ލިމިޓެއް ނޯންނާނެކަމާއި، މި ސްކީމްގެ ތެރެއިން ލިބިދޭ ޚިދުމަތްތަކާއި، ލިބިނުދޭ ޚިދުމަތްތައްވެސް. އެހެންވީމާ ސަރވިސް ޕްރޮވައިޑަރސްގެ ތެރޭގައި ނޫނިއްޔާ ޚިދުމަތް ދޭން ތިބި މީހުންނަށްވެސް އެ މަޢުލޫމާތު ލިބުމަކީ މީހަކު އައިސް އެހީމަ ނޫނިއްޔާ މީހަކަށް ޚިދުމަތްދޭއިރުވެސް ހަމަ ފަސޭހަވާނެ ކަމެއް އެ މަޢުލޫމާތު ލިބިފައި ހުރިއްޔާ" އާސަންދަ ކޮމްޕެނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އާމިނަތު ޒީނިޔާ ވިދާޅުވިއެވެ.
އާސަންދައިގެ ޚަރަދުގައި މެޑިކަލް ޗެކްއަޕް ހައްދަވައިދެއްވުމަށް ސަރުކާރުން ނިންމެވީ، ދިވެހި ކޮންމެ ރައްޔިތަކުވެސް، ބައްޔެއްގެ ނުރައްކަލަށް ދިއުމުގެ ކުރިން ފަރުވާ ލިބިގަތުމަށް މަގުފަހިކުރުމަށާއި ބަލިޖެހިދާނެ ޙާލަތުތައް ދެނެގަނެ، އެކަމުން ރައްކާތެރިވުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް އިތުރަށް ފަހިކޮށްދެއްވުމަށްޓަކައެވެ.