ޚަބަރު

ތޫފާނުގެ ގެއްލުންތައް ފޫބެއްދުމަށް 200 މިލިޔަން ޑޮލަރުގެ އެހީއަަށް ސްރީ ލަންކާއިން އެދިއްޖެ


ދެކުނު އޭޝިޔާގެ ސަރަޙައްދުގައި އުފެދުނު ބާރުގަދަ ތޫފާން، ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް 200 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ހޯދުމަށް އެ ޤައުމުން ހުށަހަޅައިފިއެވެ. މި ކަން ހާމަކޮށްފައި ވަނީ ބައިނަލްއަޤްވާމީ މާލީ އިދާރާއެއް ކަމުގައިވާ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފު)ންނެވެ.

ސްރީ ލަންކާގެ ސަރަޙައްދުތަކަށް ދިތުވާ އަރާފައި ވަނީ ނޮވެންބަރު 28ވަނަ ދުވަހުއެވެ. އެ ތޫފާނާ ގުޅިގެން އެ ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދަކަށް ފެންބޮޑުވުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 500އާ ގާތް ކުރެއެވެ. ތޫފާނާ ގުޅިގެން ސްރީ ލަންކާގެ އާބާދީގެ %10 މީހުންނަށް އަސަރު ކޮށްފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރެއެވެ.

ސްރީ ލަންކާގައި ހުންނަ އައިއެމްއެފްގެ މިޝަނުން ބުނީ، ތޫފާނާ ގުޅިގެން އެ ޤައުމަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމާ ގުޅޭ ގޮތުން އެ ޤައުމުގެ ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ. އަދި، ތޫފާނަށް ފަހު ޤައުމު އަލުން އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމުގައެވެ. އަދި، އެ ކަމަށް ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވޭ 200 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް ސްރީ ލަންކާއިން އެދިފައިވާ ކަމުގައި ވެސް އައިއެމްއެފުން ބުންޏެވެ.

މީގެ އިތުރުން، ތޫފާނާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނާއި، ގެއްލުމާ ކުރިމަތިލާން ޖެހުނު ވިޔަފާރިތަކަށް ލުއިތަކެއް ފޯރުކޮށްދިނުމަށް ސްރީ ލަންކާގެ މަރުކަޒީ ބޭންކުން ވެސް ވަނީ، އެ ޤައުމުގައި ޚިދުމަތްދޭ ބޭންކުތަކަށް އިރުޝާދު ދީފައެވެ. މި ގޮތުން، ލޯނު ދެއްކުމުގައި ލުއި އިންތިޒާމުތަކެއް ހަމަޖައްސައިދީ، ތޫފާނާ ގުޅިގެން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ބޭނުންވާނެ އިތުރު ލޯނުތައް ހަމަޖައްސައިދިނުމަށް ވެސް ސްރީ ލަންކާގެ މަރުކަޒީ ބޭންކުން ވަނީ ގޮވައިލާފައެވެ. އަދި، މިހާރު ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓް ދެއްކުން ތިނެއް ނުވަތަ ހަ މަސް ދުވަހުގެ މުއްދަތަކަށް ފަސްކޮށްދިނުމަށް ވެސް މަ
ރުކަޒީ ބޭންކުން ވަނީ އަންގާފައެވެ.