ކުޅިވަރު

ކާވާ ކަޕުގައި ވާދަކުރާ ޤައުމީ އަންހެން ޓީމާ ޖާޒީ ޙަވާލުކޮށްފި


  • ޤައުމީ ޓީމާ ޖާޒީ ޙަވާލުކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހީމް

  • ކާވާ ކަޕް ފޯރ ވިމެންސް ކަޕް އޮންނާނީ މިމަހުގެ 19 އިން 25 އަށް ރާއްޖޭގައި

މިމަހުގެ 19 އިން 25 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާވާ ކަޕް ފޯރ ވިމެންސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމާ ޖާޒީ ހަވާލުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި ކުރިއަށް ދިޔަ މިރަސްމިއްޔާތުގައި ޤައުމީ ޓީމާ ޖާޒީ ޙަވާލުކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހީމްއެވެ.
މިރަސްމިއްޔާތަށްފަހު ރާއްޖޭގެ ޤައުމީ އަންހެން ޓީމު ވަނީ ކާވާ މުބާރާތުގެ ކުރިން ތަޖުރިބާ ހޯދުމުގެ ގޮތުން ތައިލެންޑަށް ފުރާފައެވެ. މި ދަތުރާބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓީމުގެ ކޯޗު މުޙައްމަދު ނަދީމް ބުނީ މި ދަތުރުގެ ބޭނުމަކީ މުބާރާތުގެ ކުރިން މެޗުތަކެއް ކުޅެ ކުޅުންތެރިންނަށް އިތުރު ތަމްރީނު ހޯދައިދިނުންކަމަށެވެ.

"މި ކޭމްޕަކީ މިމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. މި ފުރުސަތުގައި އެސޯސިއޭޝަނާއި ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިދިޔަ ފަހަރުވެސް އަޅުގަނޑުމެންގެ އަންހެން ޓީމު ކުޅުނު މެޗު ފަސް ސެޓު ކުޅެގެން ކުޑަކުޑަ ތަފާތަކުން ގޯލްޑު މެޑަލް ނުލިބުނީ. އެހެންވީމަ ވޮލީއަށް ލޯބިކުރާ އެންމެހައި ފަރާތްތަކުގެ ވަރަށް ބޮޑު އަޒުމެއް އެ ބަދަލު ގެނެސް އިރާދަކުރެއްވިއްޔާ ގޯލްޑް މެޑަލްއެއް އެޅުން" ނަދީމް ބުންޏެވެ.

ނަދީމް ބުނީ ޤައުމީ އަންހެން ޓީމަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެއްކަމަށާއި ކުޅުންތެރިން އަންނަނީ ފަރުވާތެރިކަމާއެކު މުބާރާތަށް ތައްޔާރުވަމުންކަމަށެވެ. ކުޅުންތެރިންގެ ފަރާތުން ފެންނަނީ އުންމީދީ މަންޒަރެއްކަމަށް ފާހަގަކުރަމުން ނަދީމް ބުނީ މޮޅުވާން މަސައްކަތްކުރާ ރޫޙެއް ޓީމުގައި މިހާރު އެބައޮތްކަމަށެވެ.

"ކުޅުންތެރިންގެ ކޮމިޓްމެންޓު ހަމަ ވަރަށް ތަފާތު. ހަމަ އެއާއެކު އެކުދިން ކުރިއެރުމަށް ކުރި މަސައްކަތުން ލިބުނު ކުރިއެރުންވެސް ހަމަ ވަރަށް ބޮޑަށް ފާހަގަކުރެވޭ. ޕްރެކްޓިސް މެޗުތައް ކުޅޭ ދުވަސްދުވަހު އޭގެ ނަތީޖާ ބޮޑަށް ފާހަގަކުރެވޭ" ނަދީމް ބުންޏެވެ.

ނަދީމް ބުނީ އުންމީދަކީ މުބާރާތުގެ ކުރިން ކުރިއަށް ދާ ޓްރޭނިންތަކާއި ކުޅެވޭ މެޗުތަކުގެ ސަބަބުން ހެޔޮ އަސަރެއް ޓީމަށް ކުރުންކަމަށެވެ. އަދި މުބާރާތާ ކުރިމަތިލާނީ މިއަހަރު ޤައުމަށް ވޮލީން ރަން މެޑަލް ހޯދައިދިނުމުގެ ވަރުގަދަ އަޒުމުގައިކަމަށް އޭނާ ފާހަގަކުރިއެވެ.

"އަޅުގަނޑުމެންގެ ޢަޒުމަކީ މިއަހަރު ކާވާ މުބާރާތުގެ ގޯލްޑް މެޑަލް އެންމެންގެ ހެޔޮ ދުޢާއާއެކީ އަންހެން ޓީމު ހަމަ ޙާސިލްކުރުން އިންޝާﷲ" ނަދީމް ބުނެފަވެއެވެ.

ޤައުމީ އަންހެން ވޮލީ ޓީމުން ތައިލެންޑުގައި ކޭމްޕުކުރާނީ މިމަހުގެ 6 އިން 13 ގެ ނިޔަލަށެވެ. މި ދަތުރުގައި ޕްރެކްޓިސް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު ސްޓްރެންތު ޓްރޭނިންގ ފަދަ ޓްރޭނިންތައްވެސް ކުރިއަށްދާނެއެވެ. މި ޓްރޭނިންތައް ކުރިއަށްދާނީ ކޮންމެ ދުވަހަކު ދެ ސެޝަނަށް ބަހާލައިގެންނެވެ.