ޚަބަރު

ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާ ހޯދަން މެސެޖުކުރާތީ ސަމާލުވާން އެދިއްޖެ


  • މަކަރާއި ހީލަތުން ފައިސާ ހޯދަނީ، މެސެޖުންނާއި ފޯނު ކޯލުތަކުން

  • އިތުރަށް ފައިސާ ދެއްކުމުން ޖާގަ ކަށަވަރުވާނެ ކަމަށްބުނެ ދަނީ ފައިސާ ހޯދަމުން

  • ޙައްޖަށް ގެންދިއުމަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް ފައިސާއެއް ނުނަގާނެ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސައްޙަ ނޫން މެސެޖުތަކެއް ކުރަމުންދާތީ، ފައިސާ ހޯދުމަށް ފޮނުވާ މެސެޖުތަކާއި ކުރާ ފޯނު ކޯލުތަކަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ޙައްޖަށް ދިއުމަށް އިތުރަށް ފައިސާ ދެއްކުމުން ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ ފޯނުތަކަށް މެސެޖުތަކެއް ކުރަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެ ކޯޕަރޭޝަނުން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް ނޫސްބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، އިސްލާމްދީނުގެ މާތް އަޅުކަމާ ގުޅުވައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މިފަަދަ ކަންކަމަކީ އެ ކޯޕަރޭޝަނުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ހައްޖު ކޯޕަރޭޝަންގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޮނުވާ މެސެޖުތަކާއި، ކުރާ ފޯނު ކޯލުތަކަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ ޢިލްތިމާސް ކުރައްވާފައެވެ.