ސިއްހަތު

ސިންގަޕޫރުން ޒިކާ ވައިރަސްޖެހިފައިވާ 82 މީހުން !


ސިންގަފޫރުން ޒިކާ ވައިރަސް ޖެހިފައިވާ 82 މީހުން މިހާތަނަށް ފެނިފައިވާކަމަށް ސިންގަފޫރުގެ ޞިއްޙީ ވުޒާރާއާއި ތިމާވެއްޓާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ޒިކާއަށް ޕޮޒިޓީވްވި ގިނަ މީހުންނަކީ ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ބިދޭސީން ކަމަށާއި، ނަމަވެސް މީގެ ތެރެއިން އެކަކުވެސް ޒިކާ ފެތުރެމުންދާ ޤައުމަކަށް ދަތުރުކޮށްފައި ނުވާކަމަށް ސިންގަޕޫރު ސަރުކާރުން ބުނެއެވެ. ޒިކާ ވައިރަސް ޖެހިފައިވާ އިތުރު މީހުން އަދިވެސް ފެނުން އެކަށީގެންވާ ކަމަށް ސިންގަޕޫރުގެ ޞިއްޙީ ވުޒާރާއާއި ތިމާވެއްޓާ ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. 

img:http://s3.psmnews.mv/images/660x400/8989.jpg|ޒިކާ ވައިރަސް ފެތުރުން ހުއްޓުވުމަށް މަދިރި ނައްތާލުމަށް ސްޕްރޭ ކޮށްފައިވާ ތަނަކުން މީހަކު ހިނގާފައި ދަނީ - ފޮޓޯ: ޒިންގހުއާ ނިއުސް ފައިލް

މި ވައިރަސްގެ އަސަރުކޮށްފައިވާ މީހަކު ފެނިފައިވާކަން އެޤައުމުން ފުރަތަމަ ޢިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ސިންގަޕޫރުގައި ޒިކާއަށް ޕޮޒިޓިވްވި ފުރަތަމަ މީހަކީ އެޤައުމުގެ އިރުދެކުނު ހިސާބެއްގައި ދިރިއުޅޭ ޢުމުރުން 47 އަހަރުގެ މެލޭޝިޔާ އަންހެނެކެވެ. ޒިކާ ވައިރަސްގެ އަސަރުކޮށްފައިވާ މީހުން ފެނުމާއެކު އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ މަގުމަތީގެ ކާނުތައް ސާފުކުރުމާއި މަދިރި ބޭސްޖެހުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށާފައެވެ. ޒިކާވައިރަސްގެ ނުރައްކާ އެންމެ ބޮޑީ މާބަނޑު އަންހެނުންނަށެވެ. ޒިކާގެ ވައިރަސްގެ ސަބަބުން ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑި އުފެދުން ހުއްޓުވާ ބޮލުގެ ނާށިގަނޑު އައިބުވާން މެދުވެރިވެއެވެ.

ޒިކާ ވައިރަސް ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރު ބްރެޒިލުންނެވެ.