ޚަބަރު

ބިންގަރާހެއްގައި ތާށިކޮށްލާފައި ތިބި ޙަމާސްގެ 40 މުޖާހިދުން ޝަހީދު ކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙްގެ ބިންގަރާހެއްގައި ތާށިކޮށްލާފައި ތިބި 40 މީހުން ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީން ބުނެފިއެވެ. ޔަހޫދީ ފައުޖުން ބުނީ، އެއީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންތަކެއް ކަމުގައެވެ. ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ރަފަޙް މި ވަގުތު އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ.

ރަފަޙް ޔަހޫދީންގެ އަތްގަދަށް ގެންދިޔުމާ އެކު، އެ ރަށުގައި ބިނާކޮށްފައިވާ ބިންގަރާސްތަކުގައި 200އެއްހާ މީހުން ތާށިވެފައިވާ ކަމުގައި ބެލެވެއެވެ. އޭގެ ތެރޭގައި ގިނައީ ޢާންމުން ކަމުގައި ބުނެ، އެ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަން ތުރުކީވިލާތުން މީގެ ކުރިން ހާމަކޮށްފައިވެއެވެ. ނަމަވެސް، ޔަހޫދީން ބުނީ އެއީ ޙަމާސްގެ މުޖާހިދުން ކަމުގައެވެ.

ޔަހޫދީި ފައުޖުން ބުނީ، ބިންގަރާސްތަކުގައި ތާށިވެފައިވާ މުޖާހިދުންގެ ތެރެއިން އެ ތަނުން ނިކުތުމަށް މަސައްކަތް ކުރަމުންދާ މީހުންނާ ކުރިމަތިލައި، ޝަހީދު ކުރަމުންދާ ކަމުގައެވެ. އަދި، ބައެއް މީހުން އަމާން ދީފައިވާ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. ސަލާމަތުން ރަފަޙުން ނިކުތުމުގެ ފުރުޞަތު ބޭނުންވާ ނަމަ، އަމާން ދިނުމަށް ބިންގަރާހުގައި ތިބި މުޖާހިދުންނަށް ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ދަނީ ބާރު އަޅަމުންނެވެ. ނަމަވެސް، އެ ކަމާ ގުޅޭ މަޝްވަރާތައް ވަނީ ނާކާމިޔާބުވެފައެވެ.

މި ކަމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، ބިންގަރާސްތަކުގައި ތާށިވެފައި ތިބި މުޖާހިދުން އަމާން ދިނުމަކީ، ދެމެހެއްޓިނި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމަށް އޮތް އެންމެ ރަނގަޅު ފުރުޞަތު ކަމުގައެވެ. ބިންގަރާހުގައި ޝަހީދު ކޮށްލާފައިވާ ޙަމާސްގެ މުޖާހިދުންގެ ތެރޭގައި ޙަމާސްގެ އިސް ކޮމާންޑަރުންތަކެއް ހިމެނޭ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. އޭގެ ތެރޭގައި އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޣާޛީ ޙަމަދުގެ ދަރިއަކާއި، އިސް ކޮމާންޑަރެއް ކަމުގައިވާ މުޙައްމަދު އަލް-ބައްވާބީ ހިމެނޭ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. ނަމަވެސް، ޙަމާސުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.