މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ގަތަރު އަތުން ރާއްޖެ މޮޅުވެއްޖެއެވެ.
ބާސެލޯ ނަސަންދުރައިގައި ކުރިޔަށްދާ މި މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ މެޗުގައި ގަތަރުގެ މައްޗަށް ރާއްޖޭން ކުރިހޯދީ ސީދާ ތިން ގޭމުންނެވެ.
އެގޮތުން، މި އިވެންޓްގެ ޑަބަލްސް މެޗުގައި ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމްގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ގަތަރުގެ އަބްދުއްސަލާމް އާއި ސައުދު އަންސާރީގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ދެ ސެޓުން ވެސް ރާއްޖޭގެ ޕެއާ މޮޅުވީ 25-0 އިންނެވެ.
މި އިވެންޓްގައި ކުޅުނު ސިންގަލްސް މެޗުގައި ފަހަތުންއަރައި ގަތަރުގެ މުހައްމަދު ކާޝިފް އަތުން ރާއްޖޭގެ އާދަމް އަދީލް މޮޅުވީ 2-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް އަދީލް ގެންދިޔައީ، 21-25، 20-5، އަދި 25-13 އިންނެވެ.
ސިންގަލްސް ދެވަނަ މެޗުގައި ރާއްޖޭގެ އިބްރާހިމް ހުޖާން އަލީ ވަނީ ސީދާ ދެ ސެޓުން ގަތަރުގެ ހަލީލް ހާން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ހުޖާން ކާމިޔާބުކުރީ 24-10، 25-5 އިންނެވެ.
ފިރިހެނުންގެ ޓީމް އިވެންޓްގައި ރާއްޖޭ ހިމެނުނު ގްރޫޕް ސީ ގައި ދެން އޮތީ ގަތަރުގެ އިތުރުން ޔޫކޭ އާއި ފްރާންސް-ޖާމަނީ އެވެ.
ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.
ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.
މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.