ޚަބަރު

ހުއްދަނެތި ދުންފަތުގެ ބާވަތްތައް ވިއްކަމުން ދިޔަ ތަނެއް ބަންދުކޮށްފި


  • މިތަން ބަންދުކުރީ، ބިދޭސީންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން

  • މި އޮޕަރޭޝަންގައި ތަންފީޒީ 4 އިދާރާއެއް ބައިވެރިވޭ

ޤަވާއިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް އަމާޒުކޮށް ތަންފީޒީ އިދާރާތައް ގުޅިގެން ފަށާފައިވާ އޮޕަރޭޝަންގައި، ހުއްދަ ނުނަގާ ދުންފަތުގެ ބާވަތްތައް ވިއްކަމުން ދިޔަ ތަނެއް ބަންދުކޮށްފިއެވެ.

ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ވިއްކޭނީ، ވަކި ލައިސަންސެއް ނަގައިގެންނެވެ. މި ލައިސަންސް ނަގަންޖެހޭ ގޮތަށް ޤާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފެށީ، މި އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ދުންފަތުގެ ބާވަތްތައް ވިއްކަމުން ދިޔަ ތަނެއް ބަންދުކޮށްފައިމިވަނީ، ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ވުޒާރާއާއި، ފުލުހުންނާއި، އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ފަށާފައިވާ މަސައްކަތުގެ ދަށުންނެވެ. މި އޮޕަރޭޝަންގައި 6 ތަނެއް ވަނީ، ބަލައި ފާސްކޮށްފައެވެ. މީގެތެރެއިން ބަންދުކޮށްފައި މިވަނީ، ހުއްދަ ނުނަގާ ދުންފަތުގެ ބާވަތްތައް ވިއްކަމުން ދިޔަ ތަނެކެވެ.

މި އޮޕަރޭޝަންގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމަށް ބެލެވޭ ތަންތަނުގެ މަޢުލޫމާތު ހުށައެޅުމަށް އެދިފައިވެއެވެ. މިގޮތުން މިހާތަނަށް މިފަދަ 100 އެއްހާ ތަނުގެ މަޢުލޫމާތު ރިޕޯޓްކޮށްފައިވާ ކަމަށް ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ހުޅުވާލި ފުރަތަމަ 2 ދުވަހުގެ ތެރޭގައި 41 މައްސަލަ ހުށައަޅާފައިވެއެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، ނޭޝަނަލް ޓާސްކް ފޯހެއް އުފައްދަވާފައެވެ. އަދި ރިޕޯޓު ކުރަމުންދާ ވަރަކަށް އެފަދަ ތަންތަން ބަލައި ފާސްކޮށް، ޤާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އަރުވާފައެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. އެވުޒާރާއިން ވަނީ، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. އެލިސްޓުގައި 34 ދާއިރާއެއް ހިމަނާފައިވެއެވެ.