ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި އެމީހެއްގެ ޢާއިލާގެ ޒިންމާއެއް ނޫނެވެ. އެއީ މުޖްތަމަޢުގެ އިޖްތިމާޢީ ޒިންމާއެކެވެ. ޝާމިލް މުޖްތަމަޢެއް ބިނާކުރެވޭނީ އެންމެންގެ މަސައްކަތުންނެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހެވެ. އދ. އިން މިދުވަސް ފާހަގަކުރަން ފަށާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހޭލުންތެރިކުރުމަށާއި އެމީހުންގެ ހައްޤުތައް ކަށަވަރުކޮށް މުޖްތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ޝާމިލް މުޖްތަމަޢެއް ބިނާކުރުން" މިއެވެ. މި ޝިއާރުން އެންމެ ބޮޑަށް ބާރު އަޅަނީ މުޖްތަމަޢުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށެވެ. އަދި މުޖްތަމަޢުގެ ކޮންމެ ހަރުފަތެއްގައިވެސް އެހެން މީހުންނެކޭ އެއްގޮތަށް ހަމަހަމަ ފުރުޞަތުތަކެއް އެ ފަރާތްތަކަށް ލިބި މުޖްތަމަޢުގެ ކުރިއެރުމާއި ލާބައަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް މިޝިޢާރުން ބާރުއަޅައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވޭތޯ ބަލާލަން ޖެހެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ 14832 ފަރާތެއް ދަފްތަރު ކުރެވިފައިވެއެވެ. މިއީ ދައުލަތުގެ މާލީ އެހީ ލިބޭ ފަރާތްތަކެވެ. މި ދަފްތަރުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް 8 ގިންތިއަކަށް ބަހާލެވޭއިރު އެންމެ ގިނައިން ދަފްތަރު ކުރެވިފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. އެއީ 4169 ފަރާތެވެ.
މިދަފްތަރު އެކުލަވާލާފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުންނެވެ. މިޤާނޫނުގެ ދަށުން އެ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ދައުލަތުގެ މައްޗަށް ލާޒިމް ކުރެއެވެ. މިކަންކަމާއެކުވެސް މުޖްތަމަޢުގައި ބައިވެރިވުން އިތުރު ކުރުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރި ކަމީ ފެންނަ އޮތް ހަޤީޤަތެވެ.
ސަރުކާރުން މިކަން ދަނެ ފަށާފައިވާ އެންމެ މުހިންމު މަސައްކަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މުޖްތަމަޢުގައި އަދާކުރާ ދައުރު އިތުރުކުރުމަށް އެމީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވާ، މަސައްކަތުގެ މާޙައުލަށް ނެރުމަށް ކުރާ މަސައްކަތުގެ މައިގަނޑު އެއް މަޤްޞަދަކީ އެމީހުންގެ ފަރާތުން އެހެން މީހުން ހިތްވަރު ލިބިގަނެ، ކޮންމެ މީހަކީވެސް މުޖުތަމަޢުގައި ބޭނުންތެރި މީހަކަށް ހެދުމެވެ.
ސަރުކާރަށް ދެ އަހަރު ފުރިގެން ދިޔައިރު މިމަސައްކަތުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސަރވިސްގެ ތެރެއިން 333 މީހަކަށް ވަޒީފާގެ ފުރުޞާތު ހޯދައިދީފައިވެއެވެ. އޭގެތެރޭގައި ސަރުކާރުގެ ކުންފުނިތަކުން 288 މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާއިރު ސިވިލް ސަރވިސްގެ ތެރެއިން 45 މީހަކަށް ވަޒީފާ ދީފައިވެއެވެ.
މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފަހި މާހައުލެއް ޤާއިމުކުރުމަށްވެސް ސަރުކާރުންވަނީ މަސައްކަތް ފަށާފައެވެ. އަދި މަސައްކަތުގެ މާހައުލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން އުޅެވޭނެ ފަހި މާހައުލަކަށް ހެދުމަށް އިމާރާތްތައް ބިނާކުރާ ގޮތަށް ބަދަލުގެނައުމުގެ އުސޫލެއް ކަނޑައެޅުމަށް ނިންމައި، މިހާރު ހުރި އޮފީސްތަކުގައިވެސް ބަދަލުގެނެވެން ހުރި އޮފީސްތަކަށް އެ ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
މިއާއެކު ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުންއަންނައިރު، އިންކްލޫސިވް ކްލާސްރޫމްތަކެއް ބިނާކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިއިން ކޮންމެ ކަމަކީވެސް ޝާމިލް މުޖްތަމަޢެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތްތަކެވެ.
ދައުލަތުން އަދާކުރަން ޖެހޭ ޒިންމާ އަދާކޮށް ވަސީލަތްތައް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް ޝާމިލް މުޖްތަމަޢެއް ބިނާކުރެވޭނީ އެ މުޖްތަމަޢުގެ ހުރިހާ ފަރާތެއްގެވެސް އެއްބާރުލުމާއެކުއެވެ. އަދި މުޖްތަމަޢެއް ކުރިއަރާނީ އެއްވެސް ފަރާތެއް ބާކީ ނުކޮށް އެންމެންގެ ބައިވެރިވުމާވެސްއެކުއެވެ.