ޚަބަރު

އެފްއޭއެމް ވިމެންސް ލީގު 2025: ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސްގެ ކުރިމަތިލުން އެއްވަރު


އެފްއޭއެމް ވިމެންސް ލީގު 2025 ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ނިއު ރޭޑިއަންޓުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފާތިމަތު ފައިހާ އަލީއެވެ.

އޭގެ ފަހުން ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އޮޑި ސްޕޯޓްސްއިން ވަނީ ނިއު ރޭޑިއަންޓުގެ ގޯލާ އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ހިލޭ ޖެހުމަކުން އެ ޓީމުގެ ކެޕްޓަން ފާތިމަތު ޝާލިޔާ ފޮނުވާލި ބޯޅައެއް ނިއު ރޭޑިއަންޓުގެ ބިދޭސީ ގޯލްކީޕަރު ދިފާއުކުރިއިރު، އޭރިއާ ބޭރުން ފާތިމަތު އިނާޝާ އާދަމް ފޮނުވާލި ހަމަލާއެއް ކީޕަރުގެ އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗުގައި އޮޑި ސްޕޯޓްސްއިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 58 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ބަދަލަކަށް ކުޅެން ނުކުތްތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަރިމަތިން ފާތިމަތު ތީބާ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ނިއު ރޭޑިއަންޓުގެ ގޯލްކީޕަރުގެ އަތުގައި ޖެހިފައި ވަން ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމު ހޯދީ ނިއު ރޭޑިއަންޓަށް ލަނޑު ޖަހައިދިން ފޯވާޑް ފައިހާއެވެ.

މި އަހަރުގެ ވިމެންސް ލީގުގަައި ހަ ޓީމެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ ގަދަ ބާރުތައްވެސް ހިމެނެއެވެ. މިއީ އަހަރުތަކަކަށް ފަހު ރަސްމީ ފުޓްބޯޅައިގެ ހަރަކާތްތަކެއް އަންހެނުނަށް ޚާއްސަކޮށްގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.