ޚަބަރު

ދެކުނުއިރުމަތީ އޭޝިޔާ ތޫފާނުގައި މަރުވި މީހުންގެ އަދަދު 800ން މައްޗަށް


ދެކުނުއިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް އެރި ބާރުގަދަ ތޫފާނަކާ ގުޅިގެން ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގެ ނުރައްކާތެރި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 800ށްވުރެ މައްޗަށް އުފުލިއްޖެއެވެ. ތޫފާނުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ އިންޑޮނީޝިޔާ، މެލޭޝިޔާ އަދި ތައިލެންޑަށެވެ. އޭގެ ތެރެއިން އިންޑޮނީޝިޔާއިން 600ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މްލާކާ ސްޓްރެއިޓް ކަނޑުގެ ސަރަޙައްދުގައި އުފެދުނު ތޫފާނާ ގުޅިގެން ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގެ ހާދިސާތަކުގައި ތައިލެންޑުން މަރުވި މީހުންގެ އަދަދު ވަނީ 176ށް އުފުލިފައެވެ. އަދި، މެލޭޝިޔާއިން ވެސް ތިން މީހެއްގެ މަރު ރިޕޯޓު ކޮށްފައިވެއެވެ. އިންޑޮނީޝިޔާއިން މަރުވި މީހުންގެ އަދަދު 604ށް އުފުލިފައިވާއިރު، ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 464 މީހަކު ހޯދުމަށް އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ތޫފާނާ ގުޅިގެން ހިނގި ހާދިސާތަކުގައި އެ ޤައުމުން މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

އިންޑޮނީޝިޔާގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، އެ ޤައުމުގައި 1.5 މިލިޔަން މީހުންނަށް ތޫފާނުގެ އަސަރު ކޮށްފައިވާ ކަމުގައެވެ. އަދި، އޭގެ ތެރެއިން ބޮޑު އިންސައްތައެއް ހާލުގައި ޖެހިފައިވާ ކަމުގައެވެ. ތޫފާނުގައި ހިނގި ނުރައްކާތެރި ހާދިސާތަކުގައި އިންޑޮނީޝިޔާއިން 28,000ށްވުރެ ގިނަ ގެދޮރަށް ވަނީ ގެއްލުން ލިބިފައެވެ. ތޫފާނުގައި އެންމެ ބޮޑު ގެއްލުންތަކެއް ލިބުނު ތިން ސަރަޙައްދަކަށް އެ ޤައުމުގެ ރައީސް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ތޫފާނުގެ ސަބަބުން ބަންދުވެފައިވާ މަގުތައް ސާފުކޮށް، ގެދޮރުގައި ތާށިވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.