މި ފަހު ފަހުކޮޅު ފަށާ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތަށް ފިޓްވޭތޯ ބަލަން މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ ހަ ގަޑިއިރު ރީހެބްގައި ހޭދަ ކުރަން ފަށައިފިއެވެ.
އޭނާގެ ކުޑަހުޅަށް ވަނީ އަނިޔާވެފަ އެވެ. އެއީ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާއި ޕީއެސްޖީ ކުޅުނު މެޗުގައި ބަޔާންގެ ލުއިޒް ޑިއާޒް ޖެހި ޓެކްލްގެ ސަބަބުންނެވެ. މި އަނިޔާ އަށް ފަރުވާ ކުރަން ފަށައި މިހާރު އޭނާ އަށް ވަނީ ވަރަށް ބޮޑަށް ލުއިވެފަ އެވެ.
މޮރޮކޯގެ ޓީމުންނާއި ޕީއެސްޖީން ވެސް ބުނީ ހަކީމީ ފަރުވާ ހޯދަމުން ދަނީ މެޑިކަލް ޓީމެއްގެ ބެލުމުގެ ދަށުން ކަމަށާއި މުބާރާތަށް އޭނާ ފިޓް ކުރުމަށްޓަކައި ވަރަށް ކައިރިން ހާލަތު ބަލަމުންދާ ކަމަށެވެ. އޭނާ އަކީ މޮރޮކޯ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ހާއްސަކޮށް މޮރޮކޯގައި ބާއްވާ މުބާރާތަކަށް އެފްރިކާ ކަޕް ވެފައި މުބާރާތުގެ ތަށި ހޯދަން ކުރާ މަސައްކަތުގައި އޭނާގެ މުހިންމުކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.
އެފްރިކާ ކަޕަށް މޮރޮކޯއިން ވަނީ ވަރަށް ބޮޑު ހޭދައެއް ވެސް ކޮށްފަ އެވެ. މިހެންވެ އޭނާގެ ލައްވައި ކުޅުވުމުގެ މުހިންމުކަން ބޮޑު ކަމަށް މޮރޮކޯ ޓީމުން ބުނެ އެވެ.
"އޭނާގެ ކެތްތެރިކަން ވަރަށް އެބަހުރި. ދުވާލަކު ހަ ގަޑިއިރު އޭނާ ރީހެބްގައި އެ ހޭދަ ކުރަނީ މުބާރާތް ކުޅުމުގެ ޝައުގުވެރިކަން ބޮޑުކަމުން. އަހަރުމެން ވެސް މިތިބީ އޭނާގެ ކެތްތެރިކަމާއި އޭނާގެ މިކަމަށް ބަހައްޓާ ޝައުވެރިކަމާ ހުރެ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި،" އޭނާގެ ރީހެބް ކަންކަން ކުރިއަށް ގެންދާ ޓީމުގެ އިސް މެމްބަރު އަދި މޮރޮކޯގެ ޓެކްނިކަލް ޑައިރެކްޓަރު ނސީރު ލާގެޓް ބުންޏެވެ.
އެފްރިކާ ކަޕުގައި މޮރޮކޯ ހިމެނެނީ ގްރޫޕް އޭގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ މާލީ އާއި ޒެމްބިއާ އަދި ކޮމޯރޯސް އެވެ.
ޑިސެމްބަރު މަހުގެ 21ގައި ފަށާ މުބާރާތް ޖެނުއަރީ މަހުގެ މެދަކާ ހިސާބަށް ކުރިއަށް ދާނެ އެވެ.
މި މުބާރާތުގެ އެންމެ ގަދަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ މޮރޮކޯ އާއި މިސުރާއި ދެކުނު އެފްރިކާ އާއި ނައިޖީރިއާ އާއި ޓިއުނީޝިޔާ އަދި ސެނަގާލް އާއި ކޮންގޯގެ އިތުރުން އަލްޖީރިއާ އާއި އައިވަރީ ކޯސްޓާއި ކެމަރޫން އެވެ.