ރާއްޖޭގެ ޤައުމީ އަންހެން ޓެނިސް ޓީމުން އެންމެ ފަހުން ހޯދި ކާމިޔާބީއާއެކު ދުނިޔޭގެ އަންހެން ޓެނިސް ރޭންކިންގައި 21 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.
ދުނިޔޭގެ އަންހެން ރޭންކިންގައި މީގެ ކުރިން ރާއްޖެ އޮތީ 101 ވަނައިގައެވެ. 21 ދަރަޖައިގެ ކުރިއެރުމަކާއެކު ދުނިޔޭގެ ރޭންކިންގައި ރާއްޖެ މިހާރު އޮތީ 81 ވަނައިގައެވެ. އެއީ ރޭންކިން މެޗުތަކުން ލިބިފައިވާ 340 ޕޮއިންޓާއެކުގައެވެ. ރާއްޖެއަށް ރޭންކިންގައި މިހާ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ނޮވެމްބަރު މަހު ވިއެޓްނާމުގައި ބޭއްވި ބިލީ ޖީން ކިންގް ކަޕްގައި ޤައުމީ ޓީމުން ހޯދި ކުރިއެރުމުގެ ސަބަބުންނެވެ.
ރާއްޖެ ހިމެނޭ އޭޝިއާ/އޯޝޭނިއާ ގުރޫޕް 5 ގެ އެއްވަނައަށް ރާއްޖެ ދަތުރުކޮށްފައިވާއިރު މިއީ މިހާތަނަށް ދުނިޔޭގެ ރޭންކިންގައި ޓެނިހުން ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. އަދި މިއީ މި ރީޖަނުގައި ރާއްޖޭގެ ރޭންކިން އެންމެ ބޮޑަށް އުފުލުނު ފަހަރެވެ. އޭޝިއާ ސަރަހައްދުން އެންމެ ބޮޑު ކުރިއެރުމެއް ހޯދައިފައިވަނީ ލާއޯސްއެވެ. ލާއޯސް އޮތީ 34 ދަރަޖައިގެ ކުރިއެރުމަކާއެކު 65 ވަނައިގައެވެ.
ދެވަނައަށް އެންމެ ބޮޑު ކުރިއެރުމެއް ރާއްޖެއިން ހޯދިއިރު އޭޝިއާގެ އެހެން ޤައުމުތަކަށް ބަލާއިރު ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅެނީ 2 ދަރަޖައިގެ ވެއްޓުމަކާއެކު 10 ވަނައިގައި އޮތް ޖަޕާނެވެ. އިންޑިއާ އޮތީ އެއް ދަރަޖަ ވެއްޓި 28 ވަނައިގައެވެ. ތައިލޭންޑް އޮތީ ރޭންކިންގެ 32 ވަނައިގައެވެ.