ޚަބަރު

ސެޕްޓެމްބަރު 15 ވަނަ ދުވަހަކީ ބަންދު ދުވަހެއް


2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވާ ބުރާސްފަތި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ 2016 ސެޕްޓެންބަރު މަހުގެ 2 ވާ ހުކުރު ދުވަހަކީ، މިއަހަރުގެ ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަސްކަމަށް ސަޢޫދީޢަރަބިއްޔާ ސަރުކާރުން އިޢުލާން ކުރައްވައިފިނަމަ، ސެޕްޓެމްބަރުމަހުގެ 15 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވާފައިވާކަމަށެވެ. އަދި މިގޮތަށް ރައީސުލްޖުމްހޫރިއްޔާ މި ހަމަޖެއްސެވީ، އަޟްޙާ ޢީދާ ގުޅިގެން ޗުއްޓީގަޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށްދާން ބޭނުންވާ މުވައްޒަފުން ކުރިއަށް ރާވައިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ޢީދު ދުވަހާ ގުޅިގެން ބަންދު ކުރައްވާ ދުވަސްތަކަށް މެދުކެނޑުމެއްނައިސް މުވައްޒަފުންނަށް ބަންދު ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ. 

މިގޮތަށް ހަމަޖެއްސެވުމުން، އަޟްޙާ ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، ސެޕްޓެމްބަރުމަހުގެ 18 ވާ އާދީއްތަ ދުވަހުއެވެ.