ކުޅިވަރު

ކުޅުދުއްފުށީ ސަޕޯޓަރުން ޤައުމީ ޓީމް ހެއްވާލައިފި


ސާފްޗެމްޕިއަންޝިޕް ހޯދި ޓީމާ މިހާރުގެ ޤައުމީ ޓީމް ކުޅުން މެޗް އެތައް ގޮތަކަށް ޚާއްސަވިއެވެ.

ސްޕެއިންގެ ތަރި ޒަވީ އަދި އާޖެންޓީނާގެ ތަރި އަޔާލާ ގަލޮޅު ދަނޑުން ބަލާލަން ކެތްމަދުވި އެތައް ބަޔަކު ތިއްބެވެ. އަނެއް ބަޔަކު ބޭނުންވީ އޭރު ރާއްޖެއަށް ތަށި ހޯދި ޓީމްގެ ކުޅުން ބަލާލާށެވެ.

ނަމަވެސް އެންމެންގެ ސަމާލުކަން މިމެޗުން އަތުލި ބަޔަކަށް ވެގެންދިޔައީ ކުޅުދުއްފުށީ ސަޕޯޓަރުންނެވެ. 

img:http://s1.psmnews.mv/images/660x400/14725579428976.jpg|

ދަތުރު ހަދައިގެން ކުޅުދުއްފުށިން މާލެއައި ގާތްގަނޑަކަށް ދުއިސައްތައެއްހާ ސަޕޯޓަރުން ރޭ ގަލޮޅު ދަނޑަށްވަދެ ޤައުމީ ޓީމަށް ކުރި ސަޕޯޓަކީ ތަޢުރީފް ހައްޤު ސަޕޯޓެކެވެ. ގަލޮޅު ދަނޑުން ބެރު ދުންމާރީގެ އަޑު މެދު ނުކެނޑި އިވުނުއިރު މެޗް ނިމުނު ފަހުންވެސް ސަޕޯޓަރުންގެ އަޑު ދަނޑުން ނުކެނޑެއެވެ. ރަތްކުލައިން ޖަރީވެ ތިބެ އެމީހުން ސަޕޯޓް ކުރަމުން އައިރު ދަނޑުގެ އެކި ދިމާތަކުން އެމީހުނާ ބައިވެރިވިއެވެ. އެއްރޫހެއްގަ އެއް އަޑަކުން ފޯރިދޭން ފެށިއެވެ. ރަށުން މިމެޗަށް ކުޅުދުއްފުށީ ސަޕޯޓަރުން މާލެ އައި ބޭނުން ފުރިހަމަވިތޯ މިއީ މިހާރު އުފެދޭ ސުވާލެކެވެ. ދަނޑުން ދިމާވި ބައެއް ސަޕޯޓަރުން ބުނީ އެމީހުން ބޭނުންވީ ޤައުމީ ޓީމް ހިނިތުން ކުރުވާށެވެ. އެކަންވިތޯ އެހުމުން ބުނީ މެޗަށްފަހު މެޗްގައި ކުޅުނު ދެޓީމް އެކީގައި އެމީހުނާ ބައިވެރިވެ ދިން ސަޕޯޓަކީ މިކަމުގެ ހެއްކެއް ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14725579638978.jpg|

ރާއްޖޭގެ އެއްނަމްބަރ ގޯލްކީޕަރ އިމްރާން މުހައްމަދު ބުނީ މެޗްގައި ކުޅުދުއްފުށީ ސަޕޯޓަރުން ދިން ސަޕޯޓްފެނި ހައިރާވި ކަމަށެވެ. އަދި މިއީ ފުޓްބޯޅައަށް ދިވެހިން ކުރާ ލޯބި ފެނިގެންދިޔަވަރުގެ ކަމެއްކަމަށް އިމްރާން ބުންޏެވެ.

" ހިތައްވެސް ނާރާ މިވަރުގެ ސަޕޯޓެއް ދޭނެ ކަމަކަށް. ވަރަށް ދުރުން އެތައް ކަމެއް ޤުރުބާންކޮށްފަ އެމީހުން މާލެ އައީ. ދިވެހި ތާރީޚުގައި އަލަށް ކަންނޭނގެ މިކަހަލަ ކަމެއް މި ފެނުނީ" ކުޅުދުއްފުށިން މާލެ އައި ސަޕޯޓަރުންނަށް ޝުކުރު އަދާކުރަމުން އިމްރާން ބުންޏެވެ.

img:http://s2.psmnews.mv/images/660x400/14725579216513.jpg|

އެފްއޭއެމްގެ ރައީސް އަހުމަދު ތާރިޤު ވިދާޅުވީ 13 ގަޑިއިރުގެ ދަތުރަކަށްފަހު މާލެއައިސް ކުޅުދުއްފުށީ ސަޕޯޓަރުން ދެއްކީ ކުޅިވަރުގެ ރީތި ނަމޫނާއެއް ކަމަށެވެ. އަދި އެފްއޭއެމްގެ ނަމުގައި އެދިން ޚާއްސަ ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށް ތާރިޤު ވިދާޅުވިއެވެ.

" އެއީ ދެކެން ބޭނުންވާ މަންޒަރަކީ. އެއް ރޫހެއްގައި އެ ދިނީ ތަޢުރީފް ހައްޤު ސަޕޯޓެއް. ކުރިއަށް އޮތްތަނުގައިވެސް ކުޅުދުއްފުށީ ސަޕޯޓަރުންނާ ގުޅިގެން ކަންކަން ރާވާނަން" ތާރިޤު ވިދާޅުވިއެވެ.

ނިމިގެންދިޔަ ޔޫރޯގައި އައިސްލެންޑް މީހުން ބޭނުންކުރި އަތްޖެހުން ކުޅުދުއްފުށީ ސަޕޯޓަރުން ބޭނުންކުރަން ފެށީ މިނިވަން ޗެމްޕިއަންޝިޕްގައެވެ. ފައިނަލްގައި ހަނިމާދޫ އަތުން ބަލިވިނަމަވެސް ސަޕޯޓަރުން ވަނީ ބާރަވަނަ ކުޅުންތެރިޔާގެ ދަޢުރު އެދުވަހުވެސް ފުރިހަމައަށް އަދާކޮށްފައެވެ.

img:http://s3.psmnews.mv/images/660x400/14725579802535.jpg|

 އެފްއޭއެމްގެ ރައީސް ތާރިޤު ދެއްވި ދަޢުވަތަށް އެމީހުން މާލެއައީ ޤައުމީ ޓީމަށްވެސް އިތުރު ހިތްވަރެއް ދޭށެވެ. ހާއްސަކޮށް މިމަހުގެ 6 ވަނަ ދުވަހު އޭއެފްސީ އޭޝިއަންކަޕް ކޮލިފިކޭޝަނަގެ ޕްރިލިމިނަރީ ބުރުގައި ރާއްޖެ ލާއޯސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޓީމަށް އިތުރު ހިތްވަރެއް ދޭށެވެ. ކުޅިވަރުގެ އަހުލާގާ އެއްގޮތައް ދިން ރީތި ތަރުހީބަށްފަހު ކުޅުދުއްފުށީ ސަޕޯޓަރުން ދަނޑުން ނުކުތީ ޤައުމީ ޓީމް ކުޅުންތެރިން ހެއްވާލުމަށް ފަހުއެވެ.