ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަރުވި މީހުންގެ ޢަދަދު 69އަކަށް އުފުލިއްޖެއެވެ.
ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީ ލަންކާއަށް ވަނީ 300 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އެއީ އެ ޤައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވާރޭ ވެހިފައިވާ އެންމެ ގިނަ މިންވަރެވެ. ސްރީ ލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ އެ ޤައުމުގައި ފުރަތަމަ ފަހަރަށް ރަތް ސަމާލު އިޢުލާނުކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ސްރީ ލަންކާގެ 219،000އަށްވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފައެވެ. މި ޙާލަތުގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކުގައި އެ ޤައުމުގައި މަރުވަމުންދާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، ވީނުވީއެއް ނޭނގި 30އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައި ވަނީ އާދަޔާޚިލާފަށް ގިނަ ޢަދަދަކަށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކުގައެވެ.
ފެންބޮޑުވުމުގެ ސަބަބުން ސްރީ ލަންކާގެ މޮރަގަހަކަންދަ ލައްގަލަ ބުރިޖު ވެސް ވަނީ ވެއްޓި ހަލާކުވެ ގޮސްފައެވެ. އެ ބުރިޖަކީ އެ ޤައުމުގެ ތިން ޑިސްޓްރިކްޓެއް ކަމަށްވާ މަތަލޭއާއި ޕޮލޮއްނަރުވާއާއި ކުރުނެގަލައާ ގުޅުވައިދޭ މައި ބުރިޖެކެވެ.
މި ޙާލަތުގައި ސްރީ ލަންކާގެ އާންމު ދަތުރުފަތުރުގެ ނިޒާމުތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އެ ޤައުމަށް ދަތުރުކުރާ ގިނަ ފްލައިޓުތަކަށް ވަނީ އެހެން ވައިގެ ބަނދަރުތަކަށް މިސްރާބު ބަދަލު ކުރުމަށް މަޖުބޫރުވެފައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 15 ފްލައިޓެއް ވަނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ނުޖައްސައި މަތާލާ ރާޖަޕަކްސަ ވައިގެ ބަނދަރަށާއި އިންޑިޔާގެ ކޮޗިންއާއި ޓްރިވެންޑްރަމްގެ ވައިގެ ބަނދަރުތަކަށް ޖައްސައިފައެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ސްރީ ލަންކާއަށް ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އިންޒާރު އިދާރާތަކުން ވަނީ ދީފައެވެ. ނޮވެމްބަރު މަހުގެ 30ވަނަ ދުވަހާ ހަމައަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، ސްރީ ލަންކާގެ ސަރަޙައްދުގައި އުފެދިފައިވާ ތޫފާން އިންޑިޔާގެ ޓަމިލް ނާޑޫއާ ދިމާލަށް އެއަށް ފަހު ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.