ސިއްހަތު

އާސަންދައިގެ ޚަރަދުގައި މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ފަށަނީ


އާސަންދައިގެ ޚަރަދުގައި މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ދޭން އަންނަ ހަފްތާގައި ފަށާނެ ކަމަށް އާސަންދަ ކޮމްޕެނީއިން ހާމަކޮށްފިއެވެ.

މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 5 ޕެކޭޖަކަށް ބަހާލައިގެންނެވެ. އާސަންދައިގެ ޚަރަދުގައި މެޑިކަލް ޗެކަޕް ހަދައިދެއްވުމަށް ސަރުކާރުން ނިންމެވީ، ދިވެހި ކޮންމެ ރައްޔިތަކީ، ބައްޔެއްގެ ނުރައްކަލަށް ދިއުމުގެ ކުރިން ފަރުވާ ލިބިގަތުމަށް މަގުފަހި ކުރުމަށާއި ބަލިޖެހިދާނެ ޙާލަތުތައް ދެނެގަނެ، އެކަމުން ރައްކާތެރިވުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް އިތުރަށް ފަހިކޮށްދެއްވުމަށްޓަކައެވެ. އާސަންދަ ކުންފުނިން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 5 ޢުމުރުފުރައަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ހިމެނެނީ 6 އަހަރުން ދަށުގެ ކުޑަކުދިންނަށާއި، 6 އަހަރާ 18 އަހަރާ ދެމެދުގެ ކުދިންނާއި، 19 އަހަރާ 35 އަހަރުގެ މީހުންނާއި، 35 އަހަރާއި 65 އަހަރާއި، 65 އަހަރުން މަތީގެ މީހުންނަށެވެ.

މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލުންނާއި އަދި އަތޮޅުތަކުގައި ހުރި ރީޖަނަލް ހޮސްޕިޓަލްތަކުންނެވެ. އާސަންދަ ކޮމްޕެނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އާމިނަތު ޒީނިޔާ ވިދާޅުވީ، މި ޕެކޭޖްގެ ތެރެއިން، އެކި ބަލިތަކަށް ސްކްރީން ކުރުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި، ހިތުގެ ބަލިތަކާއި، ކެންސަރާއި، ތައިރޮއިޑް ހިމެނޭ ކަމަށެވެ.

"ކޮންމެ ޕެކޭޖެއްގެ ތެރެއިންވެސް ބަލިތަކަށް ސްކްރީން ކުރެވޭނެ. އޭގެ ތެރޭގައި ގައިން ގަޔަށް ނާރާ ބަލިތަކާއި، ހިތުގެ ބައްޔާ، ލޭގެ ޕްރެޝަރ ބެލުމާއި، ކެންސަރާ ތައިރޮޑް ފަދަ ބަލިތަށް ހިމެނޭ" އާސަންދަ ކޮމްޕެނީގެ އެސިސްޓެންޓް ޖެނރަލް މެނޭޖަރ އާމިނަތު ޒީނިޔާ ވިދާޅުވިއެވެ. އާސަންދައިގެ ޚަރަދުގައި މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ފެށުމަށްޓަކައި އާސަންދަ ކޮމްޕެނީއިން މިހާރު އަންނަނީ ހޮސްޕިޓަލްތަކާއެކު މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކަމާގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްޞަ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އާސަންދަ އޮފީހުން ބުނެއެވެ.

އާސަންދަ ކޮމްޕެނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އާމިނަތު ޒީނިޔާ ވިދާޅުވީ، މި ބައްދަލުވުމުގެ ތެރެއިން މެޑިކަލް ޗެކަޕް ގެ ޚިދުމަތް ދިނުމާއި ގުޅޭގޮތުން އުޞޫލެއް ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި އާސަންދައިގެ ޕޯޓަލަށް ހޮސްޕިޓަލްތައް އަޙުލުވެރިކުރުވުމާއި ގުޅޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އާސަންދަ ޕޯޓަލަށް އަޙުލުވެރި ކުރެވޭނެ. އަދި އެންސްޕާގެ ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތުވެސް ދެވޭނެ. މީގައި ބައިވެރިވަނީ އައިޖީއެމްއެޗް، ހުޅުމާލޭ ހޮސްޕިޓަލް، އަދި ރީޖަނަލް ހޮސްޕިޓަލްތަކުން. ބައްދަލުވުމުގައި މެޑިކަލް ޗެކަޕާ ގުޅޭ ގޮތުން އުސޫލެއް ކަނޑައެޅިގެންދާނެ" އާސަންދަ ކޮމްޕެނީގެ އެސިސްޓެންޓް ޖެނރަލް މެނޭޖަރ އާމިނަތު ޒީނިޔާ ވިދާޅުވިއެވެ.

މި ޚިދުމަތް ފަށައިގަންނައިރު، މެޑިކަލް ޗެކަޕް ޕެކޭޖްގައި ހިމެނޭ ހުރިހާ ޓެސްޓެއް ހެދޭނީ އައިޖީއެމްއެޗުން އެކަނި ކަމަށް އާސަންދަ ކޮމްޕެނީއިން ހާމަކުރެއެވެ. އެހެންނަމަވެސް ގިނަ ޓެސްޓުތައް ހުޅުމާލޭ ހޮސްޕިޓަލާއި އަތޮޅުތަކުގައި ހުރި ރީޖަނަލް ހޮސްޕިޓަލްތަކުން ހެދޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. ކެންސަރު ބައްޔަށް ސްކްރީންކުރުން ފަދަ ޓެސްޓުތައް ރީޖަނަލް ހޮސްޕިޓަލުން ނުހެދުނު ކަމުގައިވިޔަސް، އެ ޚިދުމަތް ފެށުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށް އާސަންދަ ކޮމްޕެނީއިން ބުނެއެވެ.

އާސަންދަ ކޮމްޕެނީއިން ބުނީ، ކޮންމެ މީހަކުވެސް އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕެއް ހެދުމަކީ އެމީހާގެ ޞިއްޙީ ޙާލަތު ދެނަގަތުމަށް ކުރެވޭ މުހިންމު ކަމެއް ކަމަށެވެ. މި ޕެކޭޖްގެ ތެރެއިން ބައެއް ކަހަލަ ޓެސްޓުތަކައް މުއްދަތުތަކެއް ކަނޑައެޅިފައި ވީނަމަވެސް، ޢާއްމުކޮށް ގިނަ ޓެސްޓުތައް ހެދޭނެ ކަމަށް އާސަންދަ ކޮމްޕެނީއިން ފާހަގަކުރެއެވެ. ހުރިހާ ޓެސްޓުތައް ހިމެނޭ ގޮތަށް ފުލް މެޑިކަލް ޗެކަޕެއް ހެދުމަށް މީހަކަށް 3،000 އަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް އެކުންފުނިން ބުނެއެވެ. މިހުރިހާ ޚިދުމަތެއް ދެމުން ގެންދަނީ ސަރުކާރުގެ ޚަރަދުގައި މުޅިން ހިލެއެވެ. އެހެންކަމުން މިއީ ދިވެހި ރައްޔިތުންނަށް ލިބޭ ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.