ދުނިޔެ

ސިރްތުގެ ބޮޑުބައެއް އައިއެސްގެ އަތްދަށުން އަތުލެވިއްޖެ - ލީބިޔާ


ލީބިޔާގެ ސިރްތު، އައި.އެސް ހަނގުރާމަވެރިންގެ އަތްދަށުން ސަލާމަތްކުރުމަށް ހިންގާ އަސްކަރީ އޮޕަރޭޝަންގައި ލީބިޔާ ސަރުކާރުގެ އަތްދަށަށް ސިރްތުގެ ބޮޑުބައެއް ގެނެވިފައިވާ ކަމަށް ލީބިޔާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ސިރްތުގައި މީހުން ދިރިއުޅޭ ބޮޑު ބައެއް އަސްކަރިއްޔާގެ ބާރުގެ ދަށަށް ވަނީ ގެނެސްފައެވެ. އެމެރިކާގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ލީބިޔާގެ އަސްކަރީ ފައުޖުތަކުން ހިންގާ 3 މަސްދުވަހުގެ ކެމްޕެއިންގެ ތެރެއިން އައި.އެސް ހަނގުރާމަވެރިންގެ އަތްދަށުން ސިރްތުގެ ބޮޑުބައެއް ސަލާމަތްކޮށް، އައި.އެސްގެ ބާރު ވަނީ ކަނޑުވަލާފައެވެ. މިހާރު އައި.އެސް ހަނގުރާމަވެރިންގެ އަތްދަށުގައި ވަނީ ސިރްތުގެ ވަރަށް ކުޑަ ސަރަޙައްދެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ވަނީ މިހިނގާ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު، ސިރްތުގެ އައިއެސް ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަޙައްދުތަކަށް ވައިގެ ޙަމަލާދޭން ފަށާފައެވެ. މިގޮތުން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް އެމެރިކާ އަސްކަރިއްޔާގެ ފައުޖުތަކުން ވަނީ 92 ޙަމަލާ ސިރްތުގެ އައިއެސްގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކަށް ދީފައެވެ. ލީބިޔާގެ ސިރްތު ހޯދުމަށް ކުރަމުންދާ ހަނގުރާމައިގައި އެންމެ ފަހުން ޒަޚަމްވެ ފުރާނައަށް ގެއްލުން ވެފައިވަނީ އަމިއްލައަށް މަރުވެގެން ދީފައިވާ ޙަމަލާތަކުގައި އާއި، ކާރުބޮމުގެ ޙަމަލާތަކާއި، ސްނައިޕަރުން އަދި މައިންތަކުގެ ސަބަބުން ކަމަށް ހޮސްޕިޓަލް އޮފިޝަލުން ބުނެއެވެ.

އައްޑިހަ ހާހެއްހާ މީހުން ދިރިއުޅެމުން ދިޔަ ސިރްތު މިދިޔަ އަހަރު އައި.އެސް ހަނގުރާމަވެރިންގެ އަތްދަށަށް ދިޔުމާއި ގުޅިގެން އެސަރަޙައްދުގައި ދިރިއުޅެމުން ދިޔަ ހުރިހާ ރަތްޔިތުންހެން ވަނީ އެސަރަޙައްދު ދޫކޮށް ގޮސްފައެވެ.