ޚަބަރު

އާދިއްތަދުވަހު ނ.އަތޮޅާއި ރ.އަތޮޅާ ދެމެދު އާރުޓީއެލް ފެރީގެ ޚިދުމަތް ފަށަނީ


  • މި ޚިދުމަތް ދިނުމަށް ބޭނުންކުރާނީ 32 މީހުންގެ ޖާގައިގެ ފެރީ

  • 2 ސީޓު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކުރާނެ

އަންނަ އާދިއްތަ ދުވަހުން ފެށިގެން ނ. އަތޮޅާއި ރ އަތޮޅާ ދެމެދު އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ތައްުޔާރުވެއްޖެއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް ނ. އަތޮޅުގައި ފެށީ މިދިޔަ އަހަރުއެވެ. އަދި ރ. އަތޮޅުގައި އެ ޚިދުމަތް ފެށީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އެމްޓީސީސީން ވިދާޅުވީ ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 2 ގެ ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީގެ ޚިދުމަތް އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މި ޚިދުމަތް ދިނުމަށް ބޭނުންކުރާނީ 32 މީހުންގެ ޖާގައިގެ ފެރީކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަދި މި ފެރީގައި އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަނީ 2 ސީޓު ޙާއްސަ ކޮށްފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ރ. އަތޮޅާއި ނ. އަތޮޅާއި ދެމެދު އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމާއެކު އެ ދެއަތޮޅުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކަކާއި މަންފާތަކެއް ލިބޭނެކަމަށް އެމްޓީސީސީން ފާހަގަކުރައްވައެވެ. މި ދެ އަތޮޅުގެ ދެމެދުގައި ފެރީގެ ޚިދުމަތް ހޯދުމަށްޓަކައި ޓިކެޓް ގަންނަން ޖެހޭނީ އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ
އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށެވެ.

ރާއްޖޭގެ ރަށްތަށް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް 2022ވަނަ އަހަރުވަނީ އެމްޓީސީސީއާއި ހަވާލުކޮށްގެން މަޝްރޫޢެއް ފަށްޓަވާފައެވެ. މިމަޝްރޫޢުގެ ދަށުން ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. މިހާތަނަށް 12 އަތޮޅެއްގައިވަނީ ޚިދުމަތް ފަށާފައިވެއެވެ. އެންމެ ފަހުން އާރްޓީއެލްގެ ޚިދުމަތް ފަށާފައިވަނީ ތ. އަތޮޅުގައެވެ. އަދި ކުރިއަށް އޮތް 5 މަސް ދުވަހުގެތެރޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅެއްގައި އެ ޚިދުމަތް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.