ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ތުރުކީގެ އިސްތަންބޫލުގައި ކުރިއަށްދާ ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ބައިވެރިވެއްޖެއެވެ. ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ގުޅިގެން ބައިވެރިވި މި އެކްސްޕޯ އަކީ، ސެންޓަރަލް އޭޝިޔާ ސަރަހައްދުގައި ރާއްޖެ އިޝްތިހާރުކޮށް މަގުބޫލުކަން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި އެކެސްޕޯއަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިނަލްއަގުވާމީ ގިނަ ވިޔަފާރި ކުންފުނިތަކެއް އެއްތަންވެ، ވެލްނެސް ފަތުރުވެރިކަމާ ގުޅުންހުރި ފުރުސަތުތައް ހިއްސާކޮށް އިޝްތިހާރުކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއްކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ވިދާޅުވިއެވެ. މި އެކްސްޕޯގައި 100 އަށްވުރެ ގިނަ ގައުމުތަކަށް ނިސްބަތްވާ ވިޔަފާރިތަކާއި، މި ސިނާއަތުގެ ތަޖުރިބާކާރުންނާއި ހިއްސާދާރުން ބައިވެރިވެއެވެ.
އެކްސްޕޯއާއި ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ މިއީ ވެލްނަސްއާ ގުޅުންހުރި ފަތުރުވެރިކަމަށް ވަރަށް މުހިންމު މާކެޓެއްކަމަށެވެ. މި އެކްސްޕޯ މެދުވެރިކޮށް ރާއްޖެއަކީ ހަމައެކަނި ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ބަދަލުގައި، ރާއްޖޭގެ ގުދުރަތީ ފަރުވާ ލިއްބައިދޭ ވެށިތަކާއި، ރިސޯޓްތަކުގައި ގާއިމްކޮށްފައިވާ ސްޕާތަކުން ލިބޭ ތަފާތު ފަރުވާތަކާއި، ކަނޑުފަޅާ ގުޅުންހުރި އެކި ތެރަޕީތައް ގިނަ ބަޔަކަށް ފެނި އިޝްތިހާރުވެެގެންދާނެކަމަށެވެ.
ރާއްޖެއިން މިފަދަ އެކްސްޕޯއެއްގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ހާއްސަ މެހެމާންދާރީ އާއި، ގުދުރަތީ ފަރުވާލިބޭ މާހައުލުތަކާއި، ވެލްނެސްގެ ދާއިރާއިން ހުރި އެކި ފުރުސަތުތައް ދައްކާލުންކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވިއެވެ. މި އެކްސްޕޯގައި ރާއްޖެއިން ގާއިމްކޮށްފައިވާ ސްޓޭންޑުގައި ލަގްޒަރީ މަންޒިލް ދައްކުވައިދޭނެ އެކި އާޓްވޯކްތައް ދައްކާލާނެއެވެ. އަދި ފަތުރުވެރި ވިޔަފާރިތަކާ ގުޅުންހުރި މައުލޫމާތާއި، ރަށްރަށާއި ސަގާފަތާ ގުޅުންހުރި މައުލޫމާތުތައް ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިއްސާކުރާނެކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ.