ޚަބަރު

ދަފްތަރުވާ ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުގެ ހައުސިން ސްކީމުން ފުރުސަތު ލިބޭނެ: ރައީސް


  • ޓެކްސީ ޑްރައިވަރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސްގެ ވަޢުދެއް

  • ޓެކްސީ ލައިނުގައި ޑްރައިވަރަކަށް ވުމަށް މިހާރު ވަނީ ހުޅުވާލާފައި

  • ޓެކްސީ ލައިނާއެކު ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެގޮތް ވާނެ

ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވާ ޑްރައިވަރުންނަށް ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާލުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލޭގެ އެކި ސަރަހައްދުތަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެއަވަށުގެ ރައްޔިތުންގެ ކަންބޮޑުވުން އެމަނިކުފާނު ވަނީ އަޑުއައްސަވާފައެވެ. މިބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރުންވެސް ވަނީ އެމީހުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ޓެކްސީ ޑްރައިވަރުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވާނެކަމަށް އެމަނިކުފާނު ވަޢުދު ވެވަޑައިގެންފައިވާކަމަށެވެ. މިވަޢުދުފުޅާ އެއްގޮތަށް ޓެކްސީ ޑްރައިވަރުންނަށް އެކި ހައްލުތައް ގެނެސްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ޓެކްސީ ޑްރައިވަރުން ދަފްތަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޓެކްސީ ޑްރައިވަރުންނަށް އެކި ކަހަލަ ހައްލުތައް ގެނެސްދިނުމަކީ އަޅުގަނޑުގެ ވަޢުދެއްވީމަ، އަޅުގަނޑު ވަޢުދުވެފައި އޮތް ގޮތަށް ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް މިހާރު ވަނީ ހުޅުވާލާފައި. މިހާރުވެސް 100 އަށް ވުރެ ގިނަ ޓެކްސީ ޑްރައިވަރުން ދަތުފްތަރުގައި ޖެހިއްޖެ. އެއީ ޤާނޫނީ ހައިސިއްޔަތެއް ލިބިފައި އޮންނަ ދަފްތަރެއް. އޭގައި ޖެހުނީމަ، މި ލިބޭ ފުރުސަތުތަކަކީ ހައުސިން ސްކީމްތަކަށް އެޕްލައި ކުރުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޓެކްސީ ޑްރައިވަރުންނަށް ދެމެހެއްޓެނި ގޮތަކަށް އާމްދަނީ ލިބޭނެ ގޮތް މަގުފަހިކުރުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރެވޭ އެއް މަސައްކަތަކީ ޓެކްސީ ލައިންގެ މަސައްކަތްކަން ފާހަގަކުރައްވާ އެ މަސައްކަތުގެ އަދާހަމަ ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވިއެވެ. ރައީސް ވިދާޅުވީ މިހާތަނަށް އެ ޚިދުމަތް ދިނުމަށް 407 ޑްރައިވަރުން ހޯދުމަށް އިޢުލާންކޮށްފައިވާ ކަމަށެވެ. އެގޮތުން ތިމާވެއްޓާއި ރަށްޓެހި 150 ކާރު ގެނެސް އެ މަސައްކަތް ޖެނުއަރީ ނުވަތަ ފެބްރުއަރީ ހިސާބުގައި ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު މި ހުޅުވާލި ފުރުސަތުގައި އެ އޮންނަ އުސޫލުގެ ތެރެއިން ކޮންމެ ގޮތެއްވިޔަސް ސްޓެޑީ މަންތްލީ ލިބެންޖެހޭ ނުނީ ވީކްލީ ލިބެންޖެހޭ އިންކަމް ލިބޭނެ. އެމީހުންނަށް ޢާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭނެ. އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބޭނެ. ޓެކްސީއަށް އަރާ ފަރާތަށް ވަރަށް ރަނގަޅު ޚިދުމަތެއް ލިބޭނެ. ވަރަށް ރަނގަޅު ކާރުތައް ދުއްވޭނެ. އެންވަޔަރަންމަންޓް ފްރެންޑްލީ ކާރުތަކުގައި މި ދުއްވެނީ. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ތަޢާރަފް ކުރާ ޓެކްސީ ލައިން އޮޕަރޭޓް ކުރާނީ އެމްޓީސީސީ މެދުވެރިކޮށެވެ. މި ޚިދުމަތަށް ޑްރައިވަރުން ހޯދުމަށް މިހާރު އިއުލާންކޮށްފައިވާއިރު، އެކަމަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 17 އާއި ހަމައް ވަނީ ހުޅުވާލާފައެވެ. އޭގެތެރެއިން 285 ޑްރައިވަރުން ހޯދަނީ ފުލްޓައިމްކޮށް ވަޒީފާ އަދާކުރާ ގޮތަށެވެ. އަދި ބާކީ 122 ފަރާތް ހޯދަނީ، ޕާޓް ޓައިމްކޮށް ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.