ޚަބަރު

ޞަދަޤާތު ފައުންޑޭޝަނުން ޚާއްސަ ޙަރަކާތެއް ބާއްވަނީ


ރާއްޖޭގައި އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށް އެހީވެދޭ ޖަމްޢިއްޔާއެއް ކަމަށްވާ ޞަދަޤާތު ފައުންޑޭޝަނުން އެކި ކަންކަމަށް އެހީވެދޭނެ ފައިސާ ހޯދުމަށް އިޖްތިމާޢީ ޙަރަކާތްތަކެއް ކުރިޔަށް އޮތް ހަފުތާ ބަންދުގައި ހިންގަން ނިންމައިފިއެވެ. އެ ޖަމްޢިއްޔާއިން ބުނާ ގޮތުގައި ފުޑްފިއެސްޓާގެ ނަމުގައި ހިންގަން ހަމަޖެހިފައިވާ މި ޙަރަކާތްތަކުގެ ތެރޭގައި، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންހެންނުންނަށް ޚާއްޞަކޮށްގެން ބައްވާ ފިއެސްޓާ ޝެފް މުބާރާތަކާއި ފިރިހެނުންނަށް ޚާއްޞަކޮށްގެން ބާއްވާ ފިއެސްޓާ ޝެފް މުބާރާތެއް ހިމެނެއެވެ.

މި ޙަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ ހެންވޭރު ސްޓޭޑިއަމްގައި، އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުކަމަށާއި އަދި ކޮންމެ ދުވަހެއްގެ ހަވީރު ހަތަރަކުން ހަވީރު ހަޔަކަށާއި ރޭނގަޑު އަށަކުން ބާރަޔަށް ޙަރަކާތް ކުރިއަށްދާނޭކަމަށް އެފައުންޑޭޝަނުން ބުނެއެވެ.

ޞަދަޤާތު ފައުންޑޭޝަންގެ ފަރާތުން ނޫސްވެރިންނަށް މަޢުލޫމާތު ދެމުން، އެ ފައުންޑޭޝަންގެ ޙަރަކާތްތެރިއެއް ކަމަށްވާ މުޙައްމަދު ލައްމާން ވިދާޅުވީ، ފުޑް ފިއެސްޓާގައި ކާބޯތަކެތި ލިބޭ ގޮތަށް ސްޓޯލްތަށްވެސް ބެހެއްޓިފައި ހުންނާނެކަމަށެވެ.

''ރޭގަނޑު ޚާއްސަކޮށްފައިވަނީ ޒުވާނުންނަށް. ފިއެސްޓާ ޗެފް މުބާރާތުގައި ފިރިހެންނުން ޖެހޭނީ ރޮށިފިހެ ރޮށި ދަމަން.  އަންހެނުން ޖެހެނީ މަސްކަނޑަން." މުޙައްމަދު ލައްމާން ވިދާޅުވިއެވެ. 

ފުޑް ފިއެސްޓާގައި ބާއްވާ ވަކިވަކި މުބާރާތްތަކުގެ އިތުރުން، ރާއްޖޭގައި މަޝްހޫރު ޝެފުންގެ ކެއްކުމުގެ ޚާއްޞަ ޙަރާކާތެއްވެސް ހިމެނޭނެކަމަށް ޞަދަޤާތު ފައުންޑޭޝަނުން ބުނެއެވެ. މިއިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އިނާމުތަކެއް ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ޞަދަޤާތު ފަންއުންޑޭޝަނުން ހާމަކުރި ގޮތުގައި އެ ޖަމްޢިއްޔާއިން މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުއެވެ. މިއީ، އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށް އެހީތެރިވާނެ ފައިސާ ހޯދުމުގެ ޙަރަކާތްތަކެއް ކަމަށްވުމާއެކު މިކަމުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް ޞަދަޤާތު ފައުންޑޭޝަނުން އެދެއެވެ.

ޞަދަޤާތު ފައުންޑޭޝަނުން މިހާތަނަށް އެކި ފަރާތްތަކަށް ތަފާތު އެހީތެރިކަން ދީފައިވެއެވެ. އޭގެ ތެރޭގައި ބޮޑެތި ބަލިތަކުގެ މީހުން ބޭސްވަރުވާއަށް ހޭދަކޮށްދިނުމާއި ޚާއްޞަ އެހީތެރިކަމަށް ބޭނުންވެފައިވާ ކުދިންގެ ޒަރޫރީ ބޭނުންތަކަށް އެހީތެރިވެދިނުމާއި ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ ކުދިންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް އެހީތެރިވެދިނުން ފަދަ އެހީތަށް ހިމެނެއެވެ.