2024 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 19 ވަނަ ދުވަހު ވުޖޫދުވެގެން އައި މާސްޓާސް އެތުލެޓިކްސް މޯލްޑިވްސްއަކީ ރާއްޖޭގެ ފުރަތަމަ ފަހަރަށް މާސްޓާސް އެތުލީޓުންނަށް ޚާއްސަ ކުރެވިގެން އުފެއްދި ކުލަބެވެ.
މިކުލަބުގެ އަމާޒަކީ ގައުމީ ފެންވަރުގައްޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ މާސްޓާސް އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ ގައުމަށް ގިނަ މެޑަލްތަކެއް ހޯދަދިނުމެވެ.
އެއަމާޒަށް ވާސިލުވުމަށް މާސްޓާސް އެތުލެޓިކްސްއިން އެޅި ފުރަތަމަ ފިޔަވަޅަކީ މިއަހަރުގެ މޭމަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި މުޅިން އަލަށް ބޭއްވި "މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025" އެވެ. 35 އަހަރުން މަތީގެ އެތުލީޓުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި 100 އަށް ވުރެ ގިނަ އެތުލީޓުން ވާދަކޮށްފަވެއެވެ. އޭގެ ތެރޭގައި ބޭރު ޤައުމުތަކުން މުބާރާތުގައި ވާދަކުރި އެތުލީޓުންވެސް ހިމެނެއެވެ.
"މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025"ގެ ތަޖުރިބާއަށްފަހު މާސްޓާސް އެތުލެޓިކްސްއިން ދެން އަމާޒު ހިފީ އެމުބާރާތުން ފާހަގަކުރެވުނު މޮޅެތި އެތުލީޓުންނާއި އެކު ބައިނަލްއަޤްވާމީ މައިދާނަށް ނުކުމެ ރާއްޖެ ތަމްސީލުކުރުމަށެވެ. އެގޮތުން މިއަހަރުގެ މޭމަހުގެ 24 ވަނަ ދުވަހު ސްރީ ލަންކާގައި ކުރިއަށްދިޔަ 11 ވަނަ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ދިދަ ވިހުރާލުމަށްފަހު މާސްޓާސް އެތުލެޓިކްސްއިން އަނބުރާ ރާއްޖެ އައީ މުޅި މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހާސިލްކޮށްގެންނެވެ. އެމުބާރާތުގައި ރާއްޖެ ތަމްސީލުކުރި މާސްޓާސް އެތުލެޓިކްސްގެ އެތުލީޓުންވަނީ ދެ ރަން މެޑަލްގެ އިތުރުން ރިހި މެޑައްޔަކާއި ލޯ މެޑައްޔެއް ކަށަވަރުކޮށްފައެވެ.
ޅަފަތުގެ ދުވަސްތައް ގުނަމުންދިޔަކަމަށްވިޔަސް ކާމިޔާބުގެ ހަރަށް މެޑަލްތައް އިތުރުކުރަމުންދާ މާސްޓާސް އެތުލެޓިކްސްއިން މިވަނީ އަނެއްކާވެސް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ފަޚުރުވެރިކޮށްލާފައެވެ.
މިފަހަރު އެކުލަބުގެ 23 އެތުލީޓަކު ބައިވެރިވީ އޭޝިއާގައި ބާއްވާ އެންމެ ބޮޑު މާސްޓާސް މުބާރާތްކަމަށްވާ 23 ވަނަ އޭޝިއާ މާސްޓާސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައެވެ. ޖުމްލަ 22 ގައުމަކުން 3312 އެތުލީޓުން ވާދަކުރި މިމުބާރާތް ކުރިއަށް ދިޔައީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން މިމަހުގެ 9 ވަނަ ދުވަހާ ހަމައަށް އިންޑިއާގެ ޓެމިލް ނާޑޫގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައެވެ.
މިމުބާރާތުގައި ވާދަކޮށް ރާއްޖޭގެ ހުސްނާ މުޙައްމަދު ހޯދި ރިހި އަދި ލޯ މެޑައްޔަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚީ ޞަފްޙާތަކުން އަނެއްކާވެސް މާސްޓާސް އެތުލެޓިކްސްއިން ހޯދި ފަޚުރުވެރި ދެވަނަ ކާމިޔާބީއަށް މިވަނީވެފައެވެ.
އޭޝިއާ މާސްޓާސް އެތުލެޓިކްސް ޗެމްޕިއަންޝިޕު ތާޖުރިބާއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ހުސްނާ ބުނީ މުބާރާތަށް ދިޔައިރުވެސް މެޑައްޔަކަށް އުންމީދުކުރެވުނުކަމަށެވެ. އޭނާ ވާދަކުރި ހަތަރު ހީޓުގެ ތެރެއިން ދެ ހީޓުން މެޑަލް ކަށަވަރުވި ނަމަވެސް ބާކީ އޮތް ދެ ހީޓުންވެސް މެޑަލްއަކާ ހަމައަށް ނުދެވުނީ ކުޑަ ފަރަގަކުންކަމަށާއި މިފަދަ ބައިނަލްއަޤްވާމީ މުބާރާތްތަކުގެ ތަޖުރިބާ މަދުވުންވެސް އެކަމުގައި ދައުރެއް ކުޅުނުކަމަށް އޭނާ ފާހަގަކުރިއެވެ. މި ކާމިޔާބީއަކީ މިހާތަނަށް އޭނާއަށް ލިބުނު އެންމެ ބޮޑު ކާމީޔާބީކަމަށާއި މިއީ އުފާވެރި އިހުސާސެއްކަމަށް އޭނާ ސިފަކުރިއެވެ.
"ހުސީގެ ސްޕޯޓްސް ކެރިއަރގަވެސް މިއީ ހުސީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއޭ ދެންނެވޭނީ. އެއީ މިހާބޮޑު މުބާރާތަކަށް ގޮސްފަ ދެ މެޑަލް އެއްފަހަރާ ނެގުމަކީ ލިބޭނު ވަރަށް ބޮޑު އުފަލެއް. މިތަޖުރިބާއަކީ ވަރަށް އެހެންކަހަލަ އިހުސާސެއް ކުރުވާ ތަޖުރިބާއެއް. ހަމަ އެކަނި ގޮސްފަ ދުވެގެން އެކަނި މިކުރާ ހިތްވަރަކުން ލިބޭ ކާމިޔާބީއެއްވީމަ ވަރަށް ހިއުޖް އެޗީވްމަންޓެއް މިއީ" ހުސްނާ ބުންޏެވެ.
މިމުބާރާތުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިއްޖެކަމަށް ފާހަގަކުރަމުން އޭނާ ބުނީ ކުރިއަށް ހުރި މުބާރާތްތަކަށް ދުރާލާ ތައްޔާރުވެ މިއަށްވުރެ ގިނަ މެޑަލްތައް ހޯދުމަށް އިތުރު އަޒުމެއް އައުވެއްޖެކަމަށެވެ.
"ކުރިއަށް އޮތް ތާނގަ ވަރަށް ބޮޑެތި އުންމީދުތަކާއި ވަރަށް މޯޓިވޭޓްވެފަ މިހުންނަނީ. ކުރިއަށް ހުރި މުބާރާތްތަކަށް ހަމަ އަސްލު ހަގީގަތަށް ރެޑީވެގެން ތައްޔާރުވެގެން މުބާރާތަކަށް ސީދާ ދާން" ހުސްނާ ބުނެފަވެއެވެ.
މާސްޓާސް އެތުލެޓިކްސް އިން ކުރިއަށް ރާވާފަވާ ހަރަކާތްތަކާ ގުޅޭގޮތުން އެކުލަބުގެ ރައީސް އަލީ ރައީފް ވިދާޅުވީ ދެން އެންމެ އަވަހަށް އޮންނާނީ އަންނަ އަހަރުގެ މޭމަހުގެ 7 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މާސްޓާސް އެތުލެޓިކްސް ޗެމްޕިއަންޝިޕް ސެކަންޑް އެޑިޝަންކަމަށެވެ. އެއަށްފަހު ހަމަ އެމަހުގެ ތެރޭގައި ލަންކާގައި އޮންނަ މުބާރާތަކަށް ދިއުމުގެ ވިސްނުން އެބަހުރިކަމަށް ރައީފް ވިދާޅުވިއެވެ. އަދި އެއަށްފަހު އޮގަސްޓުމަހު ކޮރެއާގައި އޮންނަ ވޯލްޑް މާސްޓާސްގައިވެސް ބައިވެރިވުމުގެ ޝައުގުވެރިކަން އެބަހުރިކަމަށް އޭނާ ހާމަކުރެއްވިއެވެ. އެހެންކަމުން މިކުޅިވަރަށް ޝައުޤުވެރިކަން ހުރި އެތުލީޓުންނަށް މާސްޓާސް އެތުލެޓިކްސްއާއި ގުޅުމުގެ ފުރުސަތު އެބައޮތްކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެކުލަބާއެކު ނުކުމެ ގައުމަށް އައު މެޑަލްތަކެއް ހޯދައިދިނުމަށް ރައީފް އެދިލެއްވިއެވެ.
"ބޭނުންވަނީ ހަމަ މިއުމުފުރައިގެ ގިނަ މީހުން މިއަށް ޝައުގުވެރިވެވެގެން އަޅުގަނޑުމެނަށް އެއްބާރުލުންދީގެން ތަންތަނަށް ގޮސް މެޑަލް ނަގައިގެން އައުން. އެ އުމުރުފުރާގެ މީހުންނަކީ ކުރީގަ ރާއްޖޭގަ ތިބި އެތުލީޓުން. ވަރަށް ބާރަށް ދުވެފަ ރެކޯޑްތައް ހަދާފަތިބި މީހުން" ރައީފް ވިދާޅުވިއެވެ.
ރައީފް ވިދާޅުވީ ކާމިޔާބީއަކީ މަސައްކަތްތެރިންގެ ހައްގެއްކަމަށާއި އެކުލަބުން އަބަދުވެސް ހިތްވަރު އައުކޮށް މަސައްކަތްކުރަމުންދަނީ ކާމިޔާބީތައް ހޯދާ ޤައުމަށް ފަޚުރާއި ޝަރަފު ހޯދައިދިނުމަށްކަމަށެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ސަރުކާރާއި އެންމެހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ރައީފް ވަނީ ހާމަކުރައްވާފައެވެ.