ޚަބަރު

ސްނައިޕަރު ގެނައި މައްސަލައިގެ ހެކި ހުށަހަޅައިފި


ދުރުން ބަޑިޖެހުމުގެ ތަމްރީން ހޯދާފައިވާ ސްރީލަންކާގެ ސްނައިޕަރެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަވަހާރަކޮށްލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި ދައުލަތުން ދަޢުވާކުރެއްވި 4 މީހުންނާ ދެކޮޅަށް ދައުލަތުން ހެކި ހުށައަޅުއްވައިފިއެވެ. 

ސްރީލަންކާގެ ސްނައިޕަރެއް ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަވަހާރަކޮށްލަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ދައުލަތުން ދަޢުވާ އުފުއްލަވާފައިވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި މިކަމަށް ސްރީލަންކާއިން ގެނައިކަމަށް ތުހުމަތުކުރެވޭ ސްނައިޕަރ ލަހިރު މަޑުޝަންކަރުގެ މައްޗަށާއި، ގ. އޮއިވާލީ އިސްޙާޤް ޙުސައިނާއި، މ. ލިލީ ޕާރކް ފަޟީލް ޙަމީދުގެ މައްޗަށެވެ. 

މިއަދު ބޭއްވެވި ޝަރީޢަތުގެ އަޑުއެހުމަކީ ހެކި ހުށައެޅުމަށް ބޭއްވި އަޑުއެހުމެކެވެ. މި 4 މީހުންގެ މައްޗަށްވެސް ދައުލަތުން އުފުއްލަވާފައިވަނީ އެނގިހުރެ މީހަކު މަރަން ރޭވުމާއި، މަރަން ރޭވުމުގައި ބައިވެރިވިކަމުގެ ކުށުގެ ދަޢުވާއެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މި ހަތަރު މީހުންނާ ދެކޮޅަށް ސިއްރު ފަސް ހެއްކެއް ހުށައަޅާފައެވެ. 

img:http://s4.psmnews.mv/images/660x400/14641022628037.jpg|ކްރިމިނަލް ކޯޓް -ފައިލް ފޮޓޯ: ޕީއެސްއެމް

ދައުލަތުން ހުށައެޅި ބައެއް ހެކީގެ ތެރޭގައި، ސްރީލަންކާގެ ސްނައިޕަރުކަމަށް ތުހުމަތުކުރާ މީހާގެ ޓްރެވެލް ޑޮކިއުމަންޓްތަކާއި، އޭނާ މާލޭގައި މަޑުކުރި ގެސްޓް ހައުސްގެ ރިސެޕްޝަން ލިއުމާއި، އިމިގްރޭޝަންގެ ސިޓީއެއް ހިމެނެއެވެ. 

ޝަރީޢަތުގެ މަޖިލީހުން ވަނީ ހަތަރު މީހުންގެ ދިފާޢުގައިވެސް ހެކި ހުށައެޅުމަށް ފުރުޞަތު ދެއްވާފައެވެ. ނަމަވެސް މައްސަލަ ސާފު ނުވާކަމަށް ބުނެ އެފަރާތުން ހެކި ހުށައަޅާފައެއް ނުވެއެވެ. މި މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކިބަސް ނެންގެވުމެވެ. މި 4 މީހުންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުއްލަވާފައިވަނީ އިތުރު ބަޔަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަވަހާރަކޮށްލަން ރާވާއި، އެކަމުގައި ބައިވެރިވެ، ރޭވިގޮތުގެ މަތިން އެކަން ފުރިހަމަކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައެވެ.