'ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ' (ސަންޕާ) ސަރަޙައްދަށް ފަތުރުވެރިން ގެންދިއުމަށް ސަންޕާ ގައިޑް ސެޓްފިކެޓް 440 ފަރާތަކަށް ދޫކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަންޕާ ސަރަހައްދަށް ފަތުރުވެރިން ގެންދެވެނީ، ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ގައިޑުންނަށް ކަމަށް އެ ވުޒާރާއިން ނިންމެވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ސަރުކާރަށް 2 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން 'ހަފުތާ 104' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ، ޙިމާޔަތްކޮށްފައި ހުރި ސަރަހައްދުތައް ބެލެހެއްޓުމަކީ އެ ވުޒާރާގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އޭގެތެރެއިންވެސް ސަންޕާ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން މި ސަރަހައްދަށް ފަތުރުވެރިން ގެންދާ ފަރާތްތައް ނުވަތަ ސަންޕާ ގައިޑުން ތަމްރީން ކުރުމަށް ކުރި މަސައްކަތުން މިހާތަނަށް 440 ފަރާތެއް ފާސްވެފައިވާ ކަމަށްވެސް ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
"އަޅުގަނޑު ފާހަގަކޮށްލާނަން ސަންޕާ ރީޖަން އެއީ ސައުތު އަރި އެޓޯލް މެރިން ޕްރޮޓެކްޓެޑް އޭރިއާގައި އެ ސަރަހައްދައް ދާ ފަތުރުވެރިންގެ ރައްކާތެރިކަމާއި، ޙިމާޔަތް ދިނުމަކީ މުހިންމު ކަމަކަށްވާތީ، ރޭންޖަރ ސަރވިސްއެއް ފައްޓާފައި. އަދި އެހިސާބަށް ފަތުރުވެރިން ގެންދާ މީހުން ޓްރެއިން ކުރުމަކީ، މުހިންމު ކަމަކަށްވާތީ މިހާތަނަށް މިވަނީ 530 އަށްވުރެ ގިނަ ފަރާތް ބައިވެރިވެ އެބޭފުޅުން ޓްރެއިންކޮށް އަދި 440 ފަރާތެއް ސަންޕާ ގައިޑްގެ އިމްތިހާން ހަދައި ފާސްވެފައި. މިއީ، ވަރަށް ބޮޑު މަސައްކަތެއް ކުރެވިގެން ދިޔަ އަދި އެތަނުގައި ރޭންޖާރސް ތިބެގެން މިހާރުވެސް ގާތްގަނޑަކަށް މިއަހަރު ތެރޭގައި 121 ގަޑިއިރުގެ ޕެޓްރޯލްކުރެވިފައިވަނީ." ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
ސައުތް އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަންޕާ) މި ސަރަޙައްދުގެ ފަރުތަކާއި، އޮއިވަރު ހުންނަ ގޮތުން މި ސަރަހައްދަށް ގިނަ އަދަދަކަށް ޕްލޭންކްޓަން ޖަމާވެއެވެ. މީގެ ސަބަބުން ދުނިޔޭއިން ނެތިދިއުމުގެ ބިރުހީވެފައިވާ ފެހުރިހި އޭގެ ކާނާ ހޯދުމަށާއި، އޭގެ ހަށިގަނޑުގެ ފިނިހޫނުމިން ރެގިއުލޭޓް ކުރުމަށް މި ސަރަޙައްދަށް ތިލަވެއެވެ.
ވަކި މޫސުމެއްނެތި މި ސަރަހައްދަށް ފެހުރިހި އެއްވެ އުޅޭތީ، ފެހުރިހި ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދަކަށް މީހުން މި މިސަރަހައްދަށް ޖަމާވެއެވެ. މިގޮތުން ދުވާލަކު އެތައް ބަޔަކު މި ސަރަހައްދަށް ސްނޯކަލް ކުރުމަށާއި، ޑައިވް ކުރުމަށް ދެއެވެ. މިގޮތަށް އުޅުމުގެ ތެރޭގައި ފަހުގެ ތާރީޚެއްގައި ހިތާމަވެރި ގިނަ ހާދިސާތަކެއްވެސް ވަނީ ހިނގާފައެވެ. މީގެ އިތުރުން މި ސަރަހައްދުގެ ގާތްގަނޑަކަށް %70 ފެހުރިހީގައި އުޅަނދުފަހަރުގެ ބުރަފަތިން ޖެހި އަނިޔާ ލިބިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ފެހުރިހި ބެލުމަށް މޫދަށް ފައިބާ ފަތުރުވެރިންނާއި، ފަތުރުވެރިން އެ ސަރަހައްދަށް ގެންދާ ފަރާތްތައް ނުވަތަ 'ސަންޕާ ގައިޑުން'އާއި، އުޅަނދުފަހަރުގެ ކެޕްޓަނުންނާއި، ފަޅުވެރިން އަމަލު ކުރަންޖެހޭ އުސޫލުތައް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ.