މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 2 - މެއިން ސްޕޮންސަރަކަށް އެސްޓީއޯ


"މޯލްޑިވިއަން އައިޑަލް" ސީޒަން 2 ގެ މެއިން ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯ ހަމަޖައްސައި، އެކަމުގެ އެއްބަސްބުވުމުގައި ސޮއިކޮށްފިއެވެ.

ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ، "މޯލްޑިވިއަން އައިޑަލް" ސީޒަން 2 ގެ މެއިން ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލްއެވެ. އަދި އެސް.ޓީ.އޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރުއެވެ.

img:http://s4.psmnews.mv/images/660x400/14724740262079.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖެއްސެވުން - ފޮޓޯ: ޕީއެސްއެމް

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން، ޕީ.އެސް.އެމް މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ވެފައިވަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އެމީހުންގެ އުފެއްދުންތައް މާރކެޓްކޮށް، ޕްރޮމޯޓްކުރުމަށް ލިބިގެންދިޔަ އަގުހުރި ފުރުޞަތަކަށްކަމަށެވެ. އަދި އައިޑަލްގެ ސީޒަން އެކެއް ކާމިޔާބުކަމާއެކު ނިންމާލުމުގައި، ޕީ.އެސް.އެމްއަށް ސްޕޮންސަރުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުން ޚަލީލް ފާހަގަކުރެއްވިއެވެ. ޚަލީލް ވިދާޅުވީ، މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ސްޕޮންސަރުންގެ ގޮތުގައި މިހާތަނަށް 12 ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. މީގެތެރޭގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިތުރުން، ރާއްޖޭގެ ވިޔަފާރީގައި ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވާ އަމިއްލަ ކުންފުނިތައް ހިމެނޭކަމަށް ޚަލީލް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14724740490133.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖެއްސެވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

އެސް.ޓީ.އޯގެ ފަރާތުން ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ، މިފަދަ ޝޯވއެއްގައި ބައިވެރިވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެސް.ޓީ.އޯއަކީ ޒުވާނުން ބާރުވެރިކުރުވައި، ޒުވާނުންނަށް އެކިކަހަލަ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް އެކުންފުނީގެ ސީ.އެސް.އާރް ޕްރޮގްރާމުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏަކަށް ވާތީކަމަށެވެ. އަދި މޯލްޑިވިއަން އައިޑަލްގެ ޕްލެޓްފޯމަކީ މިފަދަ ހުނަރުތައް ކުރިއަރުވަން ޒުވާނުންނަށް ލިބިގެންދާ ރަނުގެ ފުރުޞަތެއްކަން ޝަހީރު ފާހަގުރެއްވިއެވެ. ޝަހީރު ވިދާޅުވީ، އެކުންފުނީގެ ފަރާތުން މޯލްޑިވިއަން އައިޑަލްގައި ޕްރޮމޯޓްކުރާނީ މައިގަނޑު 2 ބްރޭންޑެއްކަމަށެވެ. އެއީ "ހިޓާޗީ" އާއި، އެސް.ޓީ.އޯގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ޗޮއިސް" ބްރޭންޑްކަމަށެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން އެކެއްގެ ޝޯވތައް ކާމިޔާބުކަމާއެކު މިދިޔަ މެއިމަހު ނިންމާލާފައިވާއިރު، މި ޝޯވގެ ދެވަނަ ސީޒަން ޢާއްމުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ޕީ.އެސް.އެމުން މިހާރު އަންނީ ތައްޔާރުވަމުންނެވެ. އެގޮތުން ސީޒަން 2 ގެ ޖަޖުންނާއި ޕްރެޒެންޓަރުން ހޯދުމުގެ ކަންކަން ޕީ.އެސް.އެމްގެ ފަރާތުން ދަނީ ކުރަމުންނެވެ. އަދި މި ފެށޭ ސެޕްޓެމްބަރުމަހުގެ ތެރޭގައި މޯލްޑިވިއަން އައިޑަލް - ސީޒަން 2 އޮފިޝަލްކޮށް ލޯންޗްކުރުމަށް ވަނީ ހަމަޖެހިފައެވެ.