ކުޅިވަރު

ބޯޑު ދެބައެއް ނުވޭ، އެންމެންވެސް ތިބީ ބަދަލަށް ރުހިގެން: ޕެރޭޒް


އޭނާ ހުށަހަޅަން އުޅޭ ޕްލޭނުގެ ސަބަބުން ރެއާލް މެޑްރިޑުގެ ބޯޑު ދެބައިވެފައިވާ ކަމަށް ދެކެވެމުންދިޔަ ވާހަކަތައް އެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދޮގުކޮށްފިއެވެ.

ރެއާލް މެޑްރިޑްގެ އަހަރީ އާއްމު ޖަލްސާގައި ދެ ފަހަރެއްގެ މަތީން އޭނާ ވަނީ ޕޯޑިއަމަށް ވަޑައިގެން ވާހަކަ ދައްކަވާފަ އެވެ. މީގެ ތެރެއިން ފަހު ފަހަރު ޕެރޭޒް ވިދާޅުވީ އޭނާ ހުށަހަޅަން އުޅޭ ޕެލޭނާ ގުޅިގެން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"އަހަރެން އެއް އަހަރު ތެރޭގައި ކުލަބުގެ ރައީސް ކަމުން ދުރަށްދާނެ ވާހަކަ އަޑުއެހިން. އަދި މި ކުލަބުގެ ބޯޑު ވެސް ދެބައިވެފައިވާ ވާހަކަ އަޑުއެހިން. އަދިވެސް ބައިވަރު ދޮގުތައް އަޑުއެހިން. މި ފަދަ ވާހަކަ ދައްކަނީ ހަމަ އެންމެ ބޭނުމެއްގައި. އެއީ ކުލަބުގެ އަގު ވައްޓާލުމަށް. ކުލަބުގެ ބޯޑު ދެބައެއްނުވޭ. އެންމެން ވެސް ތިބީ ބަދަލަކަށް ރުހިގެން،" ޕެރޭޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ އެންމެ މުއްސަނދި ކުލަބުގެ ހިންގުން ބަދަލުކޮށް، ފަބްލިކް ކުންފުންޏަކަށް ބަދަލުވެ ކުންފުނީގެ 10 ޕަސެންޓް ވިއްކާލައިގެން ފައިސާ ހޯދަނީ ރެއާލް މެޑްރިޑް ދަރަނިވެރިވެގެން ނޫން ކަމަށެވެ.

"އަހަރެން މި ކުލަބާ 2000 ވަނަ އަހަރު ގުޅުނުއިރު ކުލަބު އޮތީ ގާތްގަނޑަކަށް ބަނގުރޫޓްވެފައި. މިވީހާ ދުވަހު ގެނައި ކޮންމެ ބަދަލަކީ ވެސް އޭގެ ސަބަބުން ކުލަބު ވަރުގަދަ ވެގެންދިޔަ ބަދަލެއް. އަހަރެންގެ ޕްލޭން ވަރަށް އަވަހަށް ހުށަހަޅާނަން. އަދި އެއާމެދު ގޮތެއް ނިންމަން ކުލަބުގެ އެއް ލައްކަ މެމްބަރުންގެ ވޯޓަށް އެހޭނެ. އަހަރުމެން މިކަން ބަދަލު ކުރާނީ ގުޅިގެން،" ޕެރޭޒް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރެއާލް މެޑްރިޑްގެ ވެރިންނަކީ ކުލަބުގެ މެމްބަރުން ކަމަށާއި އެކަމަށް އެއްވެސް އިރެއްގައި ބަދަލު ނާންނާނެ ކަމަށެވެ. ނަމަވެސް ކުލަބުގެ ހިންގުން ބަދަލު ކުރަނީ އެތެރެއިންނާއި ބޭރުން އަމާޒުވާ ހަމަލާތަކުން ދިފާއު ވުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ރެއާލް މެޑްރިޑްގެ ސްޓޭޑިއަމަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ތަން ކަމަށާއި އެތަން މަރާމާތުކޮށް އަލުން ބިނާ ކުރުމުގައި ނުރަނގަޅު އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި ކުލަބުގެ މެމްބަރުން ހާސްވާންޖެހޭ އެއްވެސް ކަމެއް ރެއާލް މެޑްރިޑްގައި ހިނގާފައި ނޯންނާނެ ކަމަށާއި އޭނާ ހުށަހަޅާ ބަދަލުތައް މެމްބަރުން ފާސްކުރާނެ ކަމާމެދު ޝައްކެތް ނުކުރާ ކަމަށެވެ.