ޚަބަރު

ޕިންކް ރިބަން ކެމްޕެއިނަށް އެހީވުމަށް ޚާއްސަ ފެއަރއެއް ބާއްވައިފި


ޕާކިސްތާނުގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމޭޓުންގެ އަނބިކަނބަލުންގެ ޖަމްޢިއްޔާ، އިސްލާމްއާބާދު ފޮރިން ވިމެންސް އެސޯސިއޭޝަނުން ޕިންކް ރިބަން ކެމްޕެއިނަށް އެހީވުމަށް ޚާއްސަ ފެއަރއެއް އިއްޔެ ބާއްވައިފިއެވެ.

އެއްދުވަހަށް ކުރިއަށްގެންދިޔަ މިފެއަރއަކީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވާއި، އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރިއަށްގެންދާ ޕިންކް ރިބަން ކެމްޕެއިނަށް ފައިސާގެ އެހީއެއް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޙަރަކާތެއްކަމަށް ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ އަޙުމަދު ސަލީމް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14724723723148.jpg|ފެއަރ އިންތިޒާމްކުރި ޖަމްޢިއްޔާގެ ނައިބު ރައީސް އައިސާމަނިކު ( މެދުގައި )

ސަލީމް ވިދާޅުވީ ރާއްޖޭގެ ސްޓޯލްގައި ދިވެހިންގެ ކެއުންތަކާއި ސަޤާފަތާއި ގުޅޭ ތަފާތު ވައްތަރުގެ އުފެއްދުންތައް ހުރިކަމަށެވެ. އަދި މިފެއަރއަށް ޒިޔާރަތްކުރި ޗައިނާ މީހުންގެ ފަރާތުން ރާއްޖޭގެ އުފެއްދުންތަކަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔަކަމަށް ސަލީމް ވިދާޅުވިއެވެ. 

ޕާކިސްތާނުގައި ތިއްބަވާ ޑިޕްލޮމޭޓުންގެ އަނބިކަނބަލުންގެ ޖަމްޢިއްޔާ، އިސްލާމްއާބާދު ފޮރިން ވިމެންސް އެސޯސިއޭޝަނުގެ ނައިބު ރައީސްއަކީ ރާއްޖޭގެ ހައިކޮމިޝަނަރ އަހުމަދު ސަލީމްގެ އަނބިކަނބަލުން އައިސާމަނިކެއެވެ. އެސޯސިއޭޝަންގެ ރައީސްއަކީ ބޮސްނިއާ ހައިކޮމިޝަނަރުގެ އަނބިކަނބަލުންނެވެ.