ޚަބަރު

މޮޅުވުމުން ހިތްހަމަޖެހޭ، އެކަމަކު ގިނަ ލަނޑު ނުޖެހުނީ ވިނަގަނޑުގެ ސަބަބުން: ހެނާންޑޭޒް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން އެންމެ ފަހު މެޗުން 3-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް ގިނަ ލަނޑު ނުޖެހުނީ ދަނޑުގެ ވިނަގަނޑު އެހާ ރަނގަޅު ނުވުމުގެ ކަމަށާއި ދެން އަންނަ ބްރޭކްގައި ވިނަގަނޑު ރަނގަޅު ކުރާނެ ކަމަށް އުންމީދު ކުރާކަމަށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭޒް ބުނީ މޮޅުވި ނަމަވެސް މެޗުގެ ކުރީކޮޅު މާޒިޔާއަށް ރަނގަޅަށް ނުކުޅެވޭ ކަމަށެވެ. ވިކްޓަރީގެ ކުޅުމަށް ކުރިއެރުންތަކެއް އައިސްފައިވާކަން އެ މެޗުން ފާހަގަވި ކަމަށާއި، ވަރަށް ރަނގަޅަށް މަސައްކަތް ކުރާތަން ފެންނަ ކަމަށް ފާހަގަކޮށް އެ ކުލަބަށް މަރުހަބާ ކިޔާކަމަށްވެސް ހެނާންޑޭޒް ބުންޏެވެ.

"މެޗުން މޮޅުވީމަ އުފާކުރަން. އެކަމަކު ގޭމް ފަސޭހައެއް ނޫން. 3-0 ން ސްކޯ އަޔަސް އެ މެޗުގެ ކުރީކޮޅު ގޯލެއް ވަންނަޖެހޭ، ފުރަތަމަ ހާފުގައި އެޓޭކްތައް އެހާ އެކިއުރޭޓް ނުވުމާއި ޕާސްތައް ރަނގަޅުނުވުމާއި ޓައިމިން ރަނގަޅު ނުވުން އަދި ވިނަގަނޑުވެސް އެހާ ރަނގަޅެއް ނޫން" ހެނާންޑޭޒް ބުންޏެވެ.

ފިލިޕީންސް އާއި ރާއްޖެ ބައްދަލުކުރި އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަށް މެދު ކަނޑާލުމަށްފަހު ލީގުގެ ކުޅުން އަލުން ފެށިއިރު ވިކްޓަރީ ފެނުނީ ތަފާތުކޮށް ކަމަށާއި އެމެޗަކީ ފަސޭހަ މެޗެއް ނޫންކަމަށް ހެނާންޑޭޒް ބުންޏެވެ.

މާޒިޔާގެ ބައެއް ކުޅުންތެރިން އެނބުރި އައިސް ޓީމާ ގުޅި އަލުން ކުޅުން ރަނގަޅުކުރާނެ ކަމަށް އުންމީދުކުރާ ކަމަށާއި ކުރިޔަށް އޮތް މެޗަށް މިހާރަށްވުރެ ރަނގަޅަށް ތައްޔާރުވާނެ ކަމަށްވެސް ކޯޗު ފާހަގަ ކުރިއެވެ. ލީގުގައި އެއްވެސް މެޗަކުން ބަލިނުވުމުގެ ރިކޯޑް ދަމަހައްޓާ މާޒިޔާ އޮތީ ޕޮއިންޓް ތާވަލުގައި 24 ޕޮއިންޓާއެކު އެއްވަނައިގައެވެ.

ލީގުގެ ފުރަތަމަބުރުގެ ފަހުމެޗުގައި މާޒިޔާ ނުކުންނާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. ނިއުރޭޑިއަންޓް އެންމެ ފަހު ކުޅުނު މެޗުން ބަލިވެފައިވާއިރު ޕޮއިންޓް ތާވަލުގައި އޮތީ 3 ވަނައިގައެވެ.