ޚަބަރު

އުރުދުން އާއި ފަލަސްޠީނަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް


  • އުރުދުންއަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ ޑރ. ހާލާ ހަމީދު

  • ފަލަސްޠީނަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ ޑރ. އިބްރާހީމް ޒުހުރީ

އުރުދުން އާއި ފަލަސްޠީނަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ ސަފީރުން ޢައްޔަންކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޤައުމުތަކަށް ރެޒިޑެންޓް ނުވަތަ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ނުވަތަ ކަނޑައަޅުއްވާ ސަފީރުން ޢައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން، އެމަނިކުފާނު ވަނީ އުރުދުން އަދި ފަލަސްޠީނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުން ޢައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުރުދުންއަށް ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަންކުރެއްވުމަށް ފޮނުއްވާފައިވަނީ ޑރ. ހާލާ ހަމީދުގެ ނަންފުޅެވެ. ޑރ. ހާލާއަކީ ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހާލާ މިހާރު ހުންނެވީ ޚާރިޖީ ވުޒާރާގެ ބައިލެޓްރަލް ސެކްރެޓަރީގެ މަޤާމުގައެވެ.

ފަލަސްޠީނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ޑރ. އިބްރާހީމް ޒުހުރީގެ ނަންފުޅެވެ. ޑރ. އިބްރާހީމް ޒުހުރީއަކީވެސް ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އަދި މިހާރު ހުންނެވީ ޚާރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ.

ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވަނީ އެކި ޤައުމުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންގެ އިތުރުން އެކި މިޝަންތަކާއި ޚާރިޖީ ވުޒާރާގައި އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނެވެ. މިއީ ރާއްޖޭން އެމްބަސީތަކާއި ހައިކޮމިޝަންތައް ޤާއިމުކޮށްފައިނުވާ ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން ކަނޑައަޅުއްވާ ސަފީރުންނެވެ. އެގޮތުން މިހާތަނަށް 27 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން މި ސަރުކާރުން ވަނީ ޢައްޔަންކުރައްވާފައެވެ.