ޚަބަރު

މާލޭގައި މުޒާހަރާކޮށް އެއްވެ އުޅެވޭނެ ތަންތަން ކަނޑައަޅަނީ


މާލޭގައި މުޒާހަރާކޮށް އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް އެކުލަވާލެއްވުމަށް، ކަމާ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި މަޝްވަރާކުރައްވައި، އެލިސްޓް އެކުލަވާލެއްވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް އެބަގެންދަވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ޢާންމުކޮށް އިޢުލާންކުރައްވާފައިވާ ތަންތަނުގައި އެކަނިކަމަށް، ދާދި ފަހުން ޢަމަލުކުރަން ފެށްޓެވި، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައިވެއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، އެއްވެއުޅެވޭނެ ތަންތަނުގެ ލިސްޓް ވަރަށް އަވަހަށް ޢާންމުކުރައްވައި، ގެޒެޓް ކުރައްވާނެކަމަށާއި، ކަމާގުޅުންހުރި އިދާރާތަކުގެ މެދުގައި ބިނާކުރަނިވި މަޝްވަރާތަކެއް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން ސަލާމަތީ ބާރުތަކާއި ބައެއް މިނިވަން މުއައްސަސާތަކާއެކު މަޝްވަރާތައްކުރިއަށް ގެންދަވާކަމަށްއެމިނިސްޓްރީން ވިދާޅުވެއެވެ.

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސުން ލިޔުމުން ދެއްވާ ހުއްދައެއް ލިބިގެން ނޫނީ، މާލޭގައި އެއްވެސް ބާވަތެއްގެ، އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅުއްވައި، ޢާންމުކޮށް އިޢުލާންކުރައްވާފައިވާ ތަންތަނުގައި އެކަނިކަމަށެވެ.

އެގޮތުން އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓް މިޤާނޫނަށް ޢަމަލުކުރަން ފަށާތާ ތިރީސް ދުވަހުގެ ތެރޭގައި ހޯމް މިނިސްޓްރީން ޢާންމުކުރައްވައި، އިޢުލާންކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އިޞްލާޙުގައިވެއެވެ.