ޚަބަރު

ރާއްޖެ ކައިރީގައި ދެ ކޮޅިގަނޑު: 5 ދުވަހަށް މޫސުން ގޯސްވާނެ!


  • އުތުރާއި މެދު ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ

  • ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައި

ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ދެ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ހުޅަނގު ދެކުނުގެ 2 ސަރަހައްދެއްގައި އުފެދިފައިވާ 2 ކޮޅިގަނޑެއްގެ ސަބަބުން ރާއްޖެ ސަރަޙައްދުގައި ބޯ ވިއްސާރަ ވިލާ އުފެދުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

އެހެންކަމުން މާދަމާއިން ފެށިގެން މި ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެ މުއްދަތުގައި ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ވައިގެ ގަދަވާނެ ކަމަށާއި، އެގޮތުން 10-20 މޭލަށް ވައި ޖެހި، ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤާއުމީ އިދާރާއިން ވަނީ، ނ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލެއްވެސް ނެރެފައެވެ. މި ސަމާލު ނެރުނީ، މިއަދު ހަވީރު 17:00 އިން ރޭގަނޑު 22:00އަށެވެ. މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.

މޫސުމާ ގުޅޭގޮތުން މެޓު އޮފީހުން ނެރޭ މޫސުމީ ސަމާލުތަކާ އިންޒާރުތަކަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރައިން ވަނީ، ޢިލްތިމާސް ކުރައްވާފައެވެ. އަދި ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ދުރާލާ ސަމާލުކަން ދިނުމަށްވެސް ވަނީ މެޓް އޮފީހުން ވަނީ އިރުޝާދު ދީފައެވެ.