ޚަބަރު

ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ


ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރައްވާ، ކަނޑު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވައިފިއެވެ.

މޫސުން ގޯސްވެ، ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރައްވާ، މޫސުމާއިބެހޭ ޤައުމީ އިދާރާއިންވަނީ ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ ބައެއް ސަރަޙައްދުތަކަށް ވައިޓް އެލަރޓެއް ނެރުއްވާފައެވެ.

tw:https://twitter.com/MetMaldives/status/770156002402570240

މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވައިޓް އެލަރޓް ނެރުއްވާފައިވަނީ ކ.އަތޮޅާއި ގދ.އަތޮޅުގެ ސަރަޙައްދުތަކަށް، މެންދުރު 12:30 އިން ހަވީރު 17:30 އާއި ދެމެދުގެ ވަގުތަކަށެވެ.

މޫސުމާއިބެހޭ އިދާރާއިން ވިދާޅުވި ގޮތުގައި، ކުރިއަށްއޮތް ފަސް ގަޑިއިރު އެ ސަރަޙައްދުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި، ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށްވެސް ލަފާކުރެއްވޭ ކަމަށެވެ. އަދި ދެކުނުގެ ސަރަޙައްދުތަކުގައި ގަޑިއަކު 10 އާއި 20 މޭލު ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، އެހެން ސަރަޙައްދުތަކަށް 15 އާއި 25 މޭލު ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ.

މޫސުން ގޯސްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރައްވާ، މޫސުމާއިބެހޭ އިދާރާއިންވަނީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، މޫސުމާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް އިލްތިމާސްކުރައްވާފައެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ހިނގާފައިވާ ބައެއް ޙާދިސާތަކަށް ބަލާލާއިރު، ރޭގެ ވަގުތެއްގައި މާލެއިން ފުރައިގެން ހިންމަފުއްޓަށް ދަތުރުކުރި "ސައުތު 5" ކިޔާ ދޯންޏެއް ދިޔަވާން ފެށުމުން، އެމްއެންޑީއެފް ކޯސްޓްގާޑުންވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

ކ.ގާގަނޑު ކައިރިން ހިނގި މި ޙާދިސާއާއި ގުޅިގެން، ދޯނިން ދިޔަ ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީ، ދޯނި ހުޅުމާލެ ފަޅަށް ވެއްދުމުގައި އެހީތެރިވެދެއްވާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މީގެ އިތުރުން، ބޯކޮށް ވާރޭ ވެހި ގދ.ތިނަދޫގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން، އެމްއެންޑީއެފުންވަނީ ފެން ހިންދުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.