ޚަބަރު

އެތުލެޓިކްސްގެ އެންމެ މަތީފަންތީގެ ފާސް ކޯޗު ހުސެއިން ހަލީމަށް


  • ކޯޗު ހުސެއިން މި ކޯސް ފުރިހަމަކުރީ ސައުތު ކޮރެއާގެ ޔިޗޮން-ގަންގައި ހުންނަ ކާފް އެތުލެޓިކްސް އެޑިއުކޭޝަން އެންޑް ޓްރެއިނިން ސެންޓަރުގައި

ގައުމީ ސްޕްރިންޓް ކޯޗް ހުސެއިން ހަލީމް ވޯލްޑް އެތުލެޓިކްސްގެ ސްޕްރިންޓް އެންޑް ހާޑްލްސް ކޯހުގެ ލެވެލް 3 ފުރިހަމަކޮށް ސެޓިފިކެޓް ހާސިލް ކޮށްފިއެވެ. މިއީ އެތުލެޓިކްސް ކޯޗިންގެ އެންމެ ފެންވަރު މަތި ކޯހެވެ.

ގައުމީ އެތުލެޓިކްސް ޓީމުގެ ކޯޗު ހުސެއިން މި ކޯސް ފުރިހަމަކުރީ 11-22 ނޮވެމްބަރަށް ސައުތު ކޮރެއާގެ ޔިޗޮން-ގަންގައި ހުންނަ ކާފް އެތުލެޓިކްސް އެޑިއުކޭޝަން އެންޑް ޓްރެއިނިން ސެންޓަރުގައެވެ.

މި ކޯހާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ކޯޗު ހުސެއިން ބުނީ މިއީ އަމިއްލައަށް އެޕްލައިކޮށްގެން އިންޓަރވިއުއިން ފާސްވެގެން ލިބުނު ފުރުސަތެއް ކަމަށެވެ.

ހުރިހާ ގައުމަކަށް ހުޅުވާލި ފުރުސަތެއްގައި އެޕްލައިކުރި ކޯޗުންގެތެރެއިން މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އެކި ޤައުމުތަކުން 20 ކޯޗުންނަށެވެ. ހުސެއިން ވަނީ މީގެކުރިން ސްޕްރިންޓް އެންޑް ހާޑްލްސް ކޯހުގެ ލެވެލް 2 ފުރިހަމަކޮށްފައެވެ.

ކޯޗު ހުސެއިން ވަނީ އެންމެ ފަހުން ބޭއްވި އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ އެތުލެޓިކްސް ޓީމުގެ ހެޑް ކޯޗުގެ މަގާމް އަދާކޮށްފައެވެ.


ސްޕްރިންޓް ކޯޗު ހުސެއިންގެ އިރުޝާދާއެކު ނިމިގެންދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގެ ބައެއް އެތުލީޓުން ވަނީ އެކި އިވެންޓްތަކުން ރަނގަޅު ކާމީޔާބީތަކެއް ހޯދާފައެވެ.