ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ސަޢުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްއާ ދެމެދު އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ސަޢުދީ އަރަބިއްޔާގެ ރިޔާޟްގައި ކުރިއަށްދާ "އިންޓަރނޭޝަނަލް ޖުޑީޝަލް ކޮންފަރެންސް"ގެ ހަވާސާގެ ތެރެއިން ސޮއިކުރި މި އެއްބަސްވުމަކީ، ރާއްޖޭގެ ސުޕްރީމް ކޯޓާއި ސަޢުދީގެ ޖަސްޓިސް މިނިސްޓްރީއާ ދެމެދު ދެޤައުމުގައި އެއްބާރުލުން އިތުރުކޮށް ޝަރުޢީ ދާއިރާ ކުރިއެރުވުމަށް ސޮއިކުރި ފަހުމުނާމާއެކެވެ.
މި ފަހުމުނާމާގައި ސުޕްރީމް ކޯޓުގެ ފަރާތުން ސޮއިކުރެއްވީ، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ. އަދި ސަޢުދީގެ ޖަސްޓިސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ. ވާލިދު އަލް ސަމާނީއެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރި މި ފަހުމުނާމާއަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއިން ޢަރަބި އިސްލާމީ ޤައުމެއްގެ ޝަރުޢީ ދާއިރާއެއްގެ އިދާރާއާއެކު ސޮއިކުރި ފުރަތަމަ ފަހުމުނާމާއެވެ.
މި ފަހުމުނާމާގެ ދަށުން ޝަރުޢީ ނިޒާމުތަކާ ގުޅުންހުރި ޤާނޫނީ އަދި އިދާރީ އުސޫލުތައް ހަރުދަނާ ކުރުމަށް ދެ ޤައުމުން، އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދޭނެއެވެ. އަދި ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ޕްރޮފެޝަނަލް ޤާބިލުކަމާއި ހުނަރުތައް ތަރައްގީކޮށް ކުރިއެެރުވުމަށް ދެ ޤައުމުން މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން ޝަރުޢީ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި، ނިޒާމުތައް ހަރުދަނާ ކުރުމުގެ އިތުރުން ދާއިރާއާއި ގުޅޭ މައުލޫމާތާއި، ތަޖުރިބާ އަދި ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްތަކާއި ގުޅޭ މައުލޫމާތު ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ޝަރުޢީ ދާއިރާގެ ތަޖުރިބާކާރުންނާއި، ފަންނީ މާހިރުންގެ މެދުގައި ޒިޔާރަތްތައް ބަދަލު ކުރުމާއި، ހުނަރާއި ތަޖުރިބާ ޙިއްސާކުރުން މި ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.
މި ފަހުމުނާމާގެ ދަށުން ޝަރުޢީ ދާއިރާގެ ޢިލްމީ އަދި ފަންނީ ކޮންފަރެންސްތަކާއި، ސެމިނަރތަކާއި، މަޝްވަރާ ބައްދަލުވުންތަކާއި، ތަމްރީނު ޕްރޮގްރާމްތައް އަދި މަސައްކަތު ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.